ކާޑުގެ ކޯޓާ އިންޑިއާ އިން ކަނޑައެޅީ ވޭތުވެ ދިޔަ ތިން އަހަރު އިމްޕޯޓް ކުރިވަރަށް: ސަފީރު

ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު

އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ ކުޑަކުރި ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ސަފީރު މިއަދު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ "ޓްރޭޑް ސޯސަސް ޑައިވާސިފައި އިން" ސިޔާސަތެއް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެއް ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި އެކި ގައުމުތަކުން ރާއްޖެ އަށް ބޭނުންވާ މުދާ އެތެރެކުރާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ ކުޑަކުރަން އިންޑިއާ އިން ނިންމި ކަމަށް ބުނެ ދެކެވޭ ވާހަކަ އާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ސަފީރު ވިދާޅުވީ 1981 ވަނަ އަހަރު ރާއްޖެ އާއި އިިންޑިއާ އާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ބުނެފައި ވަނީ ރާއްޖެއިން ބޭނުންވާ އަދަދަށް އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ކޯޓާ ދިނުމަށް ކަމަށެވެ. އަދި ސަފީރު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު އިންޑިއާ އިން ރާއްޖެ އަށް އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތަކުގެ މިންވަރަަށް ވުރެ، ކޯޓާ ދަށްކޮށްފައި ނުވާ ކަމަށެވެ.

ރާއްޖެއަށް އެތެރެކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 2017 ވަނަ އަހަރު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ޖުމްލަ 20،748.70 ޓަނުގެ ގޮދަންފުށެވެ. މީގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 116.66 ޓަނެވެ.

މިދިޔަ އަހަރު 24،824.64 ޓަނުގެ ހަނޑޫ ރާއްޖެ އެތެރެކޮށްފައިވާ އިރު އިންޑިއާ އިން އެތެރެކޮށްފައި ވަނީ 23،560.03 ޓަނުގެ ހަނޑުލެވެ. ހަކުރު އެތެރެ ކުރި މިންވަރަށް ބަލާ އިރު 8806.66 ޓަނުގެ ހަކުރު މިދިޔަ އަހަރު ވަނީ އެތެރެކޮށްފަ އެވެ. އޭގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 501.81 ޓަނުގެ ހަކުރެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް 6001.08 ޓަނުގެ އަލުވި ވަނީ އެތެރެކޮށްފަ އެވެ. މީގެ ތެރޭގައި އިންޑިއާ އިން އެތެރެކުރި 5466.68 ޓަނުގެ އަލުވި ހިމެނެ އެވެ.

ބިސް އެތެރެކޮށްފައިވާ އަދަދަށް ބަލާ އިރު މިދިޔަ އަހަރު ރާއްޖެ އެތެރެކޮށްފައި ވަނީ 155،739،145 ބިހެވެ. މީގެ ތެރެއިން އިންޑިއާ އިން އެތެރެކޮށްފައި ވަނީ 112،714،160 ބިހެވެ. މުގުގެ ބާވަތްތަކަށް ބަލާއިރު މިދިޔަ އަހަރު ޖުމްލަ 1548.71 ޓަނުގެ މުގު ރާއްޖެ އެތެރެކޮށްފައިވެ އެވެ. މީގެ ތެރޭގައި އިންޑިއާ އިން އެތެރެކުރި 27.36 ޓަނުގެ މުގުގެ ބާވަތްތައް ހިމެނެ އެވެ.

ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އިންޑިއާ އިން ރާއްޖެ އެތެރެކުރުމަށް ދީފައިވާ ކޯޓާ އަށް ބަލާއިރު 946.21 ޓަނުގެ ގޮދަން ފުށް އެތެރެކުުރުމަށް ވަނީ ކޯޓާ ދީފަ އެވެ. އަދި 24،581.03 ޓަނުގެ ހަނޑޫ އަދި 338.47 ޓަނުގެ ހަކުރު އިންޑިއާ އިން ރާއްޖެ އެތެރެ ކުރުމަށް ވަނީ ކޯޓާ ދީފަ އެވެ. ކުރިއަށް އޮތް އަހަރު 5308.70 ޓަނުގެ އަލުވި ރާއްޖެ އެތެރެކުރުމަށް އިންޑިއާ އިން ވަނީ ކޯޓާ ދީފައެ ވެ. އަދި ކުރިއަށް އޮތް އެއް އަހަރު 9892.03 ޓަނުގެ ފިޔާ އިންޑިއާ އިން ރާއްޖެ އެތެރެކުރުމަށް ވަނީ ކޯޓާ ދީފަ އެވެ. ބިހުގެ ކޯޓާ އަށް ބަލާ އިރު 111،809،090 ބިސް އަދި 31.59 ޓަނުގެ މުގު ކުރިއަށް އެއް އަހަރު ރާއްޖެ އެތެރެ ކުރުމަށް އިންޑިއާ އިން ވަނީ ހުއްދަ ދީފަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާ އިން ކުރިއަށް އޮތް އަހަރު ދުވަސް ތެރޭ ރާއްޖެ އަށް އެތެރެކުރުމަށް ކޯޓާ ދީފައި ވަނީ ރާއްޖެ އަށް ބޭނުންވާ މިންވަރުގެ އަސާސީ ކާބޯތަކެތިކަން ހާމަވެގެންދާ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

"މި ބަދަލުތައް ގެނެސް އިންޑިއާ އިން ނެރުނު ނިންމުމުގައި ވެސް ބުނެފައި އެބަ އޮތް އެއްވެސް ރިސްޓްރިކްޝަނެއް ނެތި މި އަދަދަށް ރާއްޖެ އަށް މި ބާވަތްތައް އެތެރެކުރެވޭނެއޭ،" އިންޑިއާގެ ޓްރޭޓް މިނިސްޓްރީ އިން އިއްޔެ އާންމު ކުރި ކޯޓާގެ އަދަދުތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވި އެވެ. "[ކާޑުގެ ބާވަތްތައް] ތާށިވެގެން އުޅެންޖެހޭނެ ސަބަބެއް ނެތް. އެތަކެތި އަގުބޮޑެއް ވެސް ނުވާނެ،"

ސަފީރު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ބައެއް ކަހަލަ ކާޑުގެ ބާވަތްތަކުގެ އަގު މައްޗަށް ދާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން އައި ނަމަވެސް އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. ރާއްޖެ ކާޑަށް ނުޖެހޭނެ ކަމަށާއި އަސާސީ ކާބޯތަކެތީގެ އަގު ނުއުފުލޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ސަރުކާރުގެ މައިގަނޑު އިޤްތިޞާދި އަދި ޓްރޭޑް ސިޔާސަތުގެ ތެރޭގައި އިގްތިސާދީ ބިންގާ ފުޅާކުރުމާއި، ރާއްޖެއަށް އެތެރެކުރާ އެއް ބާވަތެއްގެ މުދާ ތަފާތު ގައުމުތަކުން އެތެރެކުރުމުގެ ޑައިވަރސިފިކޭޝަން އޮފް އިމްޕޯޓް ސޯސަސް ސިޔާސަތު ހިމެނޭ،" ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް