އިސްލާހިއްޔާ ހިންގާ ބިން، ދައުލަތުން މާފުށީ ކައުންސިލަށް ދޫކޮށްލައިފި

ކ. މާފުށި: ރަތް ކުލައިގެ ޓިނު ޖަހާފައިވާ ގެތަކެއް ހެން އެ ފެންނަނީ އިސްލާހިއްޔާ ހިންގާ ތަން --- ފޮޓޯ/ ޒިބްރާޓުއާ

ކ. މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އިސްލާހިއްޔާ) ހިންގާ ބިން ދައުލަތުން ދޫކޮށްލައި، އެތަން މާފުށީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ ފަރާތުން އެ ބިން ކައުންސިލަށް ދޫކޮށްލިކަން އިއުލާންކުރެއްވީ، ރައީސް އަބްދުﷲ ޔާމީން ކ. އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންގެ އިސްލާހިއްޔާއަކީ ބޭނުންތެރި ކަމެއް ނަމަވެސް އެ ސެންޓަރު ހިންގާ ބިމަކީ މާފުށީގެ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި އެފަދަ ސެންޓަރެއް އެންމެ ރަނގަޅަށް ހިންގޭނީ މާފުށީގައިތޯ ބަލައި މިއަދުން މިއަދަށް އެތަން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރެއްވިއެވެ.

މާފުށީގެ އެންމެ އުތުރުގައި އޮންނަ ދެ ލައްކަ އަކަފޫޓުގެ ބިމެއްގައި އޮންނަ އިސްލާހިއްޔާއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މާފުށީގައި ހިންގަމުން އަންނަ މަޒުކަޒެކެވެ. މީގެ ކުރިން އެތަން ޖެންޑާ އެންޑް ފެމިލީގެ ދަށުން ހިންގަމުން އައި ނަމަވެސް ފަހުން އެތަން ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އިސްލާހިއްޔާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެތަނުގައި މިވަގުތު އެއްވެސް ކުއްޖަކު ނެތެވެ. އެގޮތުން ބައެއް ކުދިން ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ހިޔާ ތަކަށް ބަދަލު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އިތުރަށްވަނީ، ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވައިގެން ކައުންސިލުން އެ ބިމުގެ ލޭންޑް ޔޫސް ޕްލޭނެއް ހައްދަވައިގެން ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެތަން ބޭނުން ކުރުމަށް ރައީސްގެ ލަފާފުޅަކަށްވީ އެތަނުގައި އިތުރު ގެސްޓް ހައުސްތަކެއް ހެދުމެވެ.

އެއީ އެ ސަރަހައްދަކީ ރަށުގެ އެންމެ ރީތި ގޮނޑުދޮށެއް އޮންނަ ތަނަކަށްވުމާއި، ގެސްޓް ހައުސްތަކެއް ހެދުމުން އެތައް ބައިވަރު ޒުވާނުންނަކަށް ވަޒީފާ ލިބި، އާމްދަނީ ލިބޭނެ ކަމަކަށް ވާނެތީކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް އެތަނުން ޖާގަ ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ، އެމަނިކުފާނު އިތުރު ދައުރަކަށް ހޮވިއްޖެނަމަ މާފުއްޓަށް ދެ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަންނަ ދައުރެއްގައި އެރަށުގެ ބިން ބޮޑުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މާފުށްޓާއި މާލެ ސަރަހައްދުގެ ރިސޯޓްތަކުން އުފެދޭ ކުނި، ސީދާ ތިލަފުއްޓަށް ގެންގޮސް އެންދުމުގެ ނިޒާމް، ތިލަފުށީގައި އެކަމަށް ގާއިމްކުރާ އިންތިޒާމްތައް ހަމަޖެހިގެން ދިއުމުން ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް