"ރާޒީ"އަށް ދެ ބިލިއަން ރުޕީޒް!

އާލިއާ ބަޓްގެ އެންމެ ފަހުގެ ރިލީޒް، "ރާޒީ"އަށް ބޮކްސްއޮފީހުގައި ދެ ބިލިއަން ރުޕީޒް (29,470,320 އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.

މިދިޔަ މެއި މަހު ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް 207 ކުރޯރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ހާމަކޮށްފައެވެ.

ކަރަން ބުނީ "ރާޒީ" އަކީ އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ފިލްމެއް ކަމަށާއި ފިލްމަށް އެވަރުގެ ބޮޑު ކާމިޔާބެއް ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށެވެ.

"ރާޒީ" އަށް 200 ކުރޯރު ލިބިފައި ވަނީ އިންޑިއާގެ އިތުރުން އެހެން ޤައުމުތަކުން ފިލްމަށް ލިބުނު އާމްދަނީ ހިމަނައިގެންނެވެ. އިންޑިއާގެ އިތުރުން 42 ޤައުމެއްގެ 450 ސްކްރީނެއްގައި އެ ފިލްމު ވަނީ ރިލީޒް ކޮށްފައެވެ.

"ރާޒީ"އަކީ ހަރިންދަރު ސިއްކާގެ ފޮތް "ކޯލިންގް ސެހްމަތު"ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ "ސެހްމަތު" ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާއަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލް އެވެ.

comment ކޮމެންޓް