މަގުމައްޗަށް ކުނި އެޅި މީހާގެ ފަރާތުން އަނުޝްކާއަށް ލީގަލް ނޯޓިސް!

މަގުމައްޗަށް ޕްލާސްޓިކް ކުނި އެޅި ކަމަށް ބުނެ، ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ ވިރާޓް ކޯލީ ވަނީ މަގުމަތިން ދުއްވާފައި ދިޔަ ކާރެއްގައި އިން މީހަކަށް ފިލާވަޅެއް ނަގައިދީ، ވީޑިއޯއެއް އާންމުކޮށްފައެވެ.

އަނުޝްކާގެ ފިރިމީހާ ވިރާޓް ކޯލީ އާންމު ކުރި ވީޑިއޯއެއްގައި ފެންނަނީ އަނުޝްކާ ކާރުގައި އިނދެ، ޖެހިގެން އޮތް ކާރުގައި އިން މީހަކަށް އެއްޗެހި ކިޔާތަނެވެ. މަގުމައްޗަށް ކުނި ނާޅާ، ޑަސްޓްބިން ތަކުގެ ބޭނުން ހިފުމަށް އަނުޝްކާ އެމީހާ ގާތު ބުނެ އެވެ.

ޚަބަރުތައް ބުނާގޮތުން، މަގުމައްޗަށް ކުނި އެޅި ކަމަށް ތުހުމަތުކޮށް އަނުޝްކާ އެއްޗެހި ކިޔާފައި ވަނީ ޕާޓް ޓައިމް އެކްޓަރެއް ކަމަށްވާ އަރްހާން ސިންގ އަށެވެ. މިހާތަނަށް ނުވަ މިލިއަނަށް ވުރެ ގިނަ މީހުން އެ ވީޑިއޯ ބަލައިފައިވެއެވެ.

މޫނު ނުފޮރުވައި، އެތައް މިލިއަން ފޮލޮވަރުންގެ މެދުގައި އޭނާ ބޭޒާރުކޮށް، އަގުވައްޓާލައިފައިވާ ކަމަށް ބުނެ އަރްހާން މިހާރު ވަނީ އަނުޝްކާ އާއި ވިރާޓަށް ލީގަލް ނޯޓިސް އެއް ފޮނުވައިފައެވެ.

"ދެން ޖަވާބު ދޭން ޖެހޭނީ އެ ދެމީހުންގެ ފަރާތުން. އަހަރެންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިހާރު ވާނީ ނޯޓިސް އެއް ފޮނުވައިފައި. އެހެންވީމަ މިވަގުތަށް އަހަރެންގެ ފަރާތުން އިތުރު އެއްވެސް ކޮމެންޓެއް ނެތް،" ޒީނިއުސް އަށް ފޮނުވި މެސެޖެއްގައި އަރްހާން ބުންޏެވެ.

ވިރާޓް ވީޑިއޯ އާންމު ކުރުމާއެކު ވެސް އަރްހާން ވަނީ ވީޑިއޯ އިން ފެންނަ މީހަކީ އޭނާ އަކަށް ފޭސްބުކް ކޮމެންޓެއްގައި އިއުތިރާފުވެފައެވެ. އަދި އަނުޝްކާ އާއި ވިރާޓް އެ ވީޑިއޯ އާންމުކޮށްފައި ވަނީ އެ ދެމީހުންގެ މަޝްހޫރުކަމުގެ ނާޖާއިޒް ފައިދާ ނެގުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އަރްހާންގެ އިތުރުން އޭނާގެ މަންމަ ވެސް ވަނީ ސޯޝަލް މީޑިއާގައި ވިރާޓް އާއި އަނުޝްކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި އެ ދެމީހުންގެ ސަބަބުން އަރްހާނަށް މީހުންގެ ނުރުހުން އަމާޒުވެފައި ވާތީ ކަންބޮޑުވެފައި ހުރިކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް