ޒިމްބާބުވޭގެ ރައީސަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފި

ޒިމްބާބުވޭގެ ވެރިކަން ކުރާ ޕާޓީގެ ރެލީއެއް ބޭއްވި ސަރަހައްދުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އަނިޔާވި މީހަކަށް ފަރުވާދޭން ގެންދަނީ -- ފޮޓޯ: އީޕީއޭ

ހަރާރޭ (ޖޫން 24): ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާއަށް އަމާޒުކޮށް އެގައުމުގެ ބުލަވަޔޯ ސިޓީގައި އިއްޔެ ބޮމުގެ ހަމަލާއެއް ދީފި އެވެ.

ރައީސް މަނަންގާގުވާ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ރެލީއެއްގައި "އޭނާއާ ވަރަށް ގާތުން އެއްޗެއް ވަނީ ގޮވާފައި" އެވެ. ނަމަވެސް "އޭނާގެ ވަގުތު އަދި ނުޖެހޭތީ" އެހަމަލާ ކާމިޔާބު ނުވި ކަމަށް ވިދާޅުވެފަ އެވެ.

އެ ހާދިސާގެ ވީޑިއޯ ފުޓެޖުން ފެންނަ ގޮތުގައި ބޮން ގޮވީ ރައީސް މަނަންގާގުވާ ތަގުރީރެއް ދެއްވުމަށް ފަހު ސްޓޭޖުން ފައިބައިވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވަނީސް، އެސްޓޭޖު ކައިރީގައި އެވެ.

ޒިމްބާބުވޭގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ހާދިސާގައި 15 މީހަކަށް އަނިޔާވެފައިވެ އެވެ.

މަނަންގާގުވާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެހާދިސާގައި ރައީސް ޒަހަމް ނުވި ނަމަވެސް، ދެ ނައިބު ރައީސަށް ކުދި އަނިޔާތަކެއް ލިބުނެވެ.

ބުލަވަޔޯގައި ބޭއްވި ރެލީއަކީ އަންނަ މަހު ޒިމްބާބުވޭގައި ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބަށް ވެރިކަން ކުރާ ޕާޓީން ކެމްޕެއިން ކުރުމުގެ ގޮތުން ބޭއްވި ރެލީއެކެވެ.

މަނަންގާގުވާ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމާ ގުޅިގެން ރައީސް ރޮބަޓް މުގާބޭ ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ. (ބީބީސީ)

comment ކޮމެންޓް