މެކްސިކޯ ހުއްޓުމެއް ނެތި ކުރިއަށް، ކޮރެއާއަށް ފުރުސަތު ހަނިވެއްޖެ

މެކްސިކޯއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް "އެފް"ގައި މިރޭ ކުޅުނު މެޗުގައި މެކްސިކޯއިން ދެކުނު ކޮރެއާ ބަލިކޮށްފިއެވެ.

މިރޭގެ މެޗުގެ ކުރިން މެކްސިކޯއާއި ދެކުނު ކޮރެއާ ވޯލްޑް ކަޕެއްގައި އެންމެފަހުން ކުޅެފައި ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު މެކްސިކޯއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ތާރީހު ބުރަވެފައި އޮތީވެސް މެކްސިކޯއަށެވެ. އެއީ ވޯލްޑް ކަޕެއްގައި އޭޝިއާ ގައުމެއް އަތުން މީގެ ކުރިން މެކްސިކޯ ބަލިވެފައިވެސް ނެތުމުންނެވެ.

މެކްސިކޯއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަޝިއާގެ ރޮސްޓޯވް އޭރީނާގައި މިރޭ ކުޅުނު މެޗު މެކްސިކޯއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ، މެކްސިކޯ އޮތީ ގްރޫޕް އޭގެ އެއްވަނައިގައެވެ. އެޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މިރޭ ދެން އޮތް މެޗުގައި ޖަރުމަނާއި ސްވިޑެން ވާދަކުރާ އިރު، ސްވިޑެން އޮތީ ފުރަތަމަ މެޗު ކާމިޔާބުކޮށް ދެވަނައިގައެވެ. މިރޭގެ މެޗުން މޮޅުވުމަކީ ގަދަ 16އަށް ދިއުމަށް ޖަރުނަނަށް މަޖުބޫރު ކަމެކެވެ.

މިރޭގެ މެޗުގައިވެސް މެކްސިކޯގެ ފަރާތުން ފެނިގެންދަޔައީ ޖަރުމަނާ ދެކޮޅަށް އެޓީމު ކުޅުނު ކަހަލަ ހަލުވި އެޓޭކިން ކުޅުމެކެވެ. މެޗުގެ ކުރީކޮޅުގައި އެޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، މަދުވީ ގޯލަށް ފޮނުވާލި ހަމަލާއެކެވެ. ފުރަތަމަ ކޮޅުގައި ހަމަލާއެއް ނުއުފެއްދުނު ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި މެކްސިކޯއިން ލީޑު ނެގިއެވެ. ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް މެކްސިކޯއަށް ލީޑު ނަގައިދިނީ ކާލޯސް ވެލާއެވެ.

މެކްސިކޯއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ދެކުނު ކޮރެއާގެ ފަރާތުން ފެނުނު ހަމައެކަނި ހަމަލާތައް ފެނުނީ އެޓީމުގެ ތަރި، ޓޮޓެންހަމްގެ ފޯވަޑް ހިޔުން މިން ސަންގެ ފަރާތުންނެވެ. ސަންގެ ހަތަރު ހަމަލާއެއް ފެނުނު އިރު، މެކްސިކޯއިން ހާފް ނިންމާލީ 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެކްސިކޯއިން ދެވަނަ ހާފްވެސް ފެށީ ފުރަތަމަ ހާފްވެސް ފެށި ޓެކްޓިކްސްއާ އެކުގައެވެ. މެކްސިކޯ ފާހަގަކުރެވުނީ ދެކުނު ކޮރެއާއަށްވުރެ މަސައްކަތުގެ ރޭޓް މަތިކޮށެވެ. ހާއްސަކޮށް މެކްސިކޯގެ ކުރިއަށް ކުޅެމުންދިޔަ އައިރިން ލޮޒާނޯއާއި ހާވިއާ ހެނާންޑޭޒްގެ ހަލުވި ކުޅުން ފާހަގަކުރެވުނެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ލަޒޯނާގެ ބާރު ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ދެކުނު ކޮރެއާގެ ދެ ހަމަލާއެއްގެ ހުރަހަކަށްވީ މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޯއާއެވެ. ހާއްސަކޮށް މެޗު ނިމެން ދަނިކޮށް އޮޗޯއާއެކު މޮޅު ސޭވްއެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ހެނާންޑޭޒްގެ ގޯލުން މެކްސިކޯ ލީޑު ފުޅާކުރި އެވެ. އެ ގޯލަކީ ހެނާންޑޭޒް މެކްސިކޯ ޖާޒީގައި ކާމިޔާބުކުރި 50 ވަނަ ގޯލެވެ. މެޗުގައި ދެކުނު ކޮރެއާގެ ކުރިއަށް ކުޅޭ ސަންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އިރު، ދެކުނު ކޮރެއާއަށް މެޗުން ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމަކީ އޭނާގެ ރީތި ގޯލެވެ. މެޗު ނިމެން ދަނިކޮށް، މެކްސިކޯ އޭރިއާ ބޭރުން ސަން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލްގެ މަތީ ކަނަށެވެ.

މެކްސިކޯއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް އެފްގެ މެޗެއް މިރޭ 11:00ގައިވެސް އޮންނާނެއެވެ. ވާދަކުރާނީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ޖަރުމަނާއި ސްވިޑެންއެވެ.

comment ކޮމެންޓް