ޓެބްލެޓްތަކަށް ބެލެނިވެރިން އަހުލުވެރިކުރުމަށް ހާއްސަ ސެޝަންތަކެއް!

ބެލެނިވެރިން ޓެބްލެޓްތަކަށް އަހުލުވެރިކުރުމަށް ފެށި ސެޝަންތަކެއްގެ ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނަށް ބޭނުންވާ ޓެބެލްޓް ހަވާލުކުރަން ފެށުމަށްފަހު، އެ ޓެބްލެޓްތަކަށް ބެލެނިވެރިން އަހުލުވެރިކުރުމަށް ހާއްސަ ސެޝަންތަކެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސެޝަންތައް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސެޝަންތަކުގައި ޓެބްލެޓްތައް ބޭނުންކޮށްގެން ތަފާތު އެެއްޗެހި ސާޗް ކުރާނެގޮތާއި އޭގައި ހުންނަ އެޕްތައް ބޭނުންކުރާނެ ގޮތްތަކުގެ އިތުރުން ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ޓެބެލެޓް ބޭނުންކުރާނެ ގޮތްތައް ބެލެނިވެރިންނަށް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދަރިވަރުން ޓެބްލެޓް ބޭނުންކޮށްގެން ކުރާ މަސައްކަތްތައްވެސް ބެލެނިވެރިޔާއަށް ބެލޭނެ ގޮތުގެ މައުލޫމާތުތައްވެސް އެ ސެޝަންތަކުގައި ނަގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ދަރިވަރުންނަށް ޓެބްލެޓްތައްް ހަވާލުކުރަން ފެށުމުގެ ކުރިން ޓީޗަރުންނަށް ޓެބްލެޓްތައް ވަނީ ބަހާ ނިންމައިފައެވެ.

ޓީޗަރުންނަށާއި ދަރިވަރުންނަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ދެނީ ވާވޭ ޓެބްލެޓެކެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 71000 ޓެބްލެޓު ހޯދަން ސަރުކާރުން ހަވާލުކުރީ މެކްސްކޮމްއާ އެވެ. އެ މަޝްރޫއަށް ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް