ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ވެބްސައިޓްތަކަށް ހިލޭ ވަދެވޭނެ ގޮތް އުރީދޫއިން ހަދަނީ

"ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" ހުޅުވުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އުރީދޫ

ރާއްޖޭގައި ހިލޭ ސާބަހަށް މަަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވެބްސައިޓުތަކަށް ހިލޭ ވަދެވޭނެ ގޮތް ހަދަން އުރީދޫއިން ނިންމައިފިއެވެ.

މިއަދު ހެނދުނު "ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" ހުޅުވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ނަޖީބް ޚާން ވިދާޅުވީ ރާއްޖޭގައި ހިލޭ ސާބަހަށް ހިންގާ ޖަމާއަތްތަކާއި އެންޖީއޯތަކުން ގެނެސްދޭ މައުލޫމާތުތައް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވާން އުރީދޫއިން ބޭނުންވާ ކަމަށެވެ.

ނަޖީބް ވިދާޅުވީ އެ ވެބްސައިޓްތަކަށް ހިލޭ ވަދެވޭނެ ގޮތް ވަރަށް އަވަހަށް އުރީދޫއިން ހަދާނެ ކަމަށެވެ. އަދި އެ ވެބްސައިޓްތަކަށް ވަނުމަށް އެއްވެސް ވަރަކަށް ޗާޖް ނުކުރާނެ ކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.

"ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް" ހުޅުވުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އުރީދޫ

ނަޖީބް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އުރީދޫއިން ގާއިމްކޮށްފައިވާ ހޮޓް ސްޕޮޓްތަކުން ގިނަ ވަގުތުތަކަށް ހިލޭ ވައިފައި ލިބޭނެގޮތް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އުރީދޫއިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް 300 ހޮޓް ސްޕޮޓްތަކުން ހިލޭ އިންޓަނެޓް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް އެ ހޮޓް ސްޕޮޓްތަކުން މިހާރު ވައިފައި ލިބެނީ ދުވާލަކު އެންމެ 15 މިނެޓަށެވެ.

އުރީދޫއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ރާވާފައިވާ ކަންތައްތަކުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

comment ކޮމެންޓް