ރާއްޖެ އަށް ކާޑުގެ ދަތިކަން ކުރިމައްޗެއް ނުވާނެ: އެސްޓީއޯ

އެސްޓީއޯގެ ހަކުރު ގުދަނުން އުޅަނދަކަށް ހަކުރު ބަރު ކުރަނީ -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް ކާޑުގެ ދަތިކަން ކުރިމަތި ނުވާނެ ކަމުގެ ޔަގީން ދެއްވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ ކުޑަކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނެފައި ވާތީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެއަށް ކާދުގެ ދަތިކަން ކުރިމަތި ނުވާނެކަމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯ އިން މިހެން ބުނެފައިވާ އިރު، ސަން އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތައް އެތެރެކުރަނީ އިންޑިއާ އަކުން ނޫނެވެ.

އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކަކީ ރާއްޖޭގައި ބޭނުން ކުރާ ކާޑުގެ ބާވަތްތަކަށް ބަލާ އިރު ކުޑަ މިންވަރެއް ކަމަށް އެނގިފައިވެ އެވެ.

އިންޑިއާގެ ޓްރޭޑް މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އެގަމުގެ ނޫހެއް ކަމަށްވާ "ދަ ވަޔާ"އިން ބުނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން އެތަކެއްޗަށް ޑިމާންޑް އޮތް މިންވަރަށް ބަލައިފައި ކަމަށެވެ. ކޯޓާ ކުޑަކުރީ ފާއިތުވި ތިން އަހަރު ރާއްޖެއިން މި ބާވަތްތަކަށް އޮތް ޑިމާންޑު ކުޑަވުމުން ކަމަށް ވެސް "ދަ ވަޔާ"ގައި ބުނެފައިވެ އެވެ.

އެ ނޫހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު އިންޑިއާ އިން ރާއްޖެއަށް އެތެރެކުރުމަށް ކޯޓާ ދީފައި ވަނީ 59,442.17 މެޓްރިކް ޓަނުގެ ގޮދަން ފުށަށެވެ. މި އަހަރު ގިދަން ފުށުގެ ކޯޓާ އަކަށް ކަނޑައަޅާފައި ވަނީ 946.21 މެޓްރިކް ޓަނެވެ. ހަކުރު އެތެރެކުރާ ކޯޓާ ވެސް 11,706.30 މެޓްރިކް ޓަނުން 338.47 މެޓްރިކް ޓަނަށް ދަށްކޮށްފައިވާ އިރު، ހަނޑުލުގެ ކޯޓާ ވަނީ 67,640.24 މެޓްރިކް ޓަނުން 24,581.07 މެޓްރިކް ޓަނަށް ދަށް ކޮށްފަ އެވެ.

މީގެ އިތުރުން ބިހުގެ ކޯޓާ 232,805,000 ބިހުން 111,809,090 ބިހަށް ވަނީ ދަށް ކޮށްފައެވެ. އިންޑިއާ އިން މިދިޔަ އަހަރު އެތެރެކޮށްފައި ވަނީ 11,714.45 މެޓްރިކް ޓަނުގެ އަލުތްވެވެ. އަލުވީގެ ކޯޓާ މި އަހަރު ވަނީ 5,308.70 މެޓްރިކް ޓަނަށް ދަށް ކޮށްފަ އެވެ. އަދި ހަވާދުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ 122.23 މެޓްރިކް ޓަނުގެ ކޯޓާ ވަނީ 31.59 މެޓްރިކް ޓަނަށް ދަށް ކޮށްފަ އެވެ.

comment ކޮމެންޓް