އެމެރިކާއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް: ސީރިއާގެ ރައީސް

ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު. -- ފޮޓޯ؛ ސަނާ

އެމެރިކާއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަަމެއް ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އެންޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަސަދު ވިދާޅުވީ އެމެރިކާގެ ރައީސްއާއެކު ވާހަކަތައް ބޭއްވުމަކީ ބޭކާރުވެގެންދާނެ ވަގުތުތަކެއް ކަމަށެވެ.

''އެމެރިކާއާއެކު ބާއްވާ ވާހަކަތަކަުން އެއްވެސް ނަތީޖާއެއް ނުނިކުންނާނެ. ވާހަކަ ދައްކައިގެން ނަތީޖާ އެއް ނެރެވޭނެ ކޮންމެ ބަޔަކާވެސް ވާހަކަ ދައްކަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،'' އަސަދު ވިދާޅުވިއެވެ.

އަސަދު ވިދާޅުވީ އެމެރިކާގެ ރައީސުން އަބަދުވެސް އަމަލުކުރައްވަނީ އެެމެރިކާގެ ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި ނުފޫޒުގަދަ މީޑިއާތަކާއި އަދި އެކި ލޮބީތަކުގެ ނުފޫޒުގެ ދަށުން ކަމަށެވެ.

އެމެރިކާއާ އެެމެރިކާގެ ބައިވެރިން އައިއެސްގެ އަމާޒުތަކެއް ކަމަށް ބުނެ ސީރިއާ އެކި ހިސާބުތަކަށް ދަނީ 2014 އިން ފެށިގެން ވައިގެ ހަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާއިން އެކަން ކުރަމުންދަނީ ސީރިއާގެ ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތިއެވެ.

އެެމެރިކާއިން ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން އާންމުންގެ އެތައް ބަޔަކުވެސް ވަނީ މަރުވެފައެވެ.

ސީރިއާގެ ދާހިލީ ހަނގުރާމަފެށުނު ފަހުން މިއީ ހަތް ވަނަ އަހަރެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް