ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެންމެ މުހިންމީ ސްމާޓް ސިޓީއެއް: ޒެނީޝާ

ބަހްރައިން އަށް މިނިސްޓަރު ޒެނީޝާ ކުރެއްއވި ދަތުރުފުޅުގެ ތެރެއިން- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިއަދު ފެށުނު "ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެކްސެސިބިލިޓީ"އާއި "އިންކްލޫސިވިޓީ" ފަދަ ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް އުފެއްދުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ހުޅުމާލެއަކީ އެފަދަ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

"ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން އެކަންޏެއް ނޫން. ހުޅުމާލެއަކީ ހުރިހާ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެކްސެސްވެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަން ދެއްވާ" ޒެނީޝާ ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ ސްމާޓް ސިޓީ ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ޔުނިވަރސަލް ޑިޒައިނަކަށް ކަމަށާއި، ޔުނިވަރސަލް ޑިޒައިނެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް އުޅެވޭ ފަދަ ގޮތަކަށް ސިޓީތައް ބައްޓަންކުރުންކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް ހުޅުމާލެ ތަރައްޤީކުރެވިގެން ދިޔުމަކީ އެ ފަރާތްތަކުގެ ޙައްޤުގައި ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތެއް. މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އޮތުމަކީ މުޅި ގައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް،" ޒެނީޝާ ވިދާޅުވިއެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެއް ދުވަހުގެ މި ފޯރަމްގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވައިލައިފައިވާ ޤާނޫނުތަކާއި ސިޔާސަތުތަކާބެހޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީގެ ފަރާތުން ހުށައަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް