ދުވުމެއް ބާއްވާކަން ރަސްމީކޮށް އަންގާފައެއް ނެތް: ޔޫތު މިނިސްޓްރީ

އެމްޑީޕީން އިއްޔެ ބާއްވަން އުޅުނު ހަރަކާތް ފުލުހުން ހުއްޓުވަނީ--ފޮޓޯ/ އެމްޑީޕީ

ޔޫތު މިނިސްޓްރީން ބަލަހައްޓަމުންދާ އެކުވެނި ސަރަހައްދުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ދުވުމެއް ނުވަތަ އެނޫން ވެސް ހަރަކާތެއް އިއްޔެ ބާއްވަން އުޅޭކަން އަންގާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން "ޖަޒީރާ ރައީސް"ގެ ނަމުގައި އިއްޔެ އެމްޑީޕީން މާލޭގައި ބާއްވަން ހުޅުނު ދުވުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. އެމްޑީޕީން ރާވާފައި އޮތީ އެކުވެނިން ފަށައިގެން މާލެ ވަށައި ދުވެފައި ބުރެއް ޖަހާށެވެ.

އެމްޑީޕީން އިއްޔެ އެކުވެނި ސަރަހައްދުގައި ދުވުމެއް ބާއްވަން ނިންމާފައިވާ އިރު ޔޫތު މިނިސްޓްރީން ވަނީ ހުކުރު ދުވަހުގެ 2:00 އިން ފަށައިގެން 18:00 އާ ހަމައަށް އެ ސަރަހައްދު މިނިސްޓްރީގެ ބޭނުމަކަށް ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ އެއީ ސީދާ އެ ފަރާތުގެ ކެމްޕެއިން އަށް ހުރަސް އެޅުމަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީން ރޭ ނެރުނު މީޑިއާ ސްޓޭޓްމަންޓްއެއްގައި އެ މިނިސްޓްރީން ބުނީ އެއްވެސް ފަރާތަކުން އެކުވެނި ސަރަހައްދުގައި ދުވުމެއް ބާއްވަން އުޅޭކަން އަންގާފައި ނުވާ ކަަމަށާއި އަދި އެއްވެސް ޕާޓީއެއްގެ ކެމްޕެއިން އަށް ހުރަސް އަޅާފައިނުވާ ކަމަށެވެ. އަދި ދުވާ ޓްރެކަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނަކަށްވާ އިރު ހުރިހާ އެންމެންނަށް ވެސް އޮންނަ ގަވައިދުގެ ތެރެއިން އެތަން ބޭނުން ކުރުމުގެ ފުރުޞާތު އޮންނާނެ ކަމަށެވެ.

އިއްޔެ ބާއްވަން އުޅުނު ދުވުމުގައި ބައިވެރިވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނޭ ގޮތަށް އިސްކޮށް އުޅުނު އިތުރު ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހުން އެމީހުންވަނީ ދޫކޮށްލައިފަ އެވެ.

އިއްޔެ ބާއްވަން އުޅުނު ދުވުމުގައި ވެސް ބައިވެރިވި މީހުންގެ އަދަދު މަދުއިރު ފަހަކަށް އައިސް އެ ޕާޓީން ބާއްވަމުން އަންނަ ސިޔާސީ ހަރަކާތްތަކަށް ލިބޭ ތަރުހީބު ދައްކަމުން އެ ޕާޓީގެ އިސްވެރިންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

comment ކޮމެންޓް