ކަމާލުއްދީނަށް ޖޭޕީގެ ނައިބު ލީޑަރުގެ މަގާމު ގެއްލިއްޖެ

ޖޭޕީގެ ކުރީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނައިބު ލީޑަރުގެ މަގާމަށް ވާދަކޮށް، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ ޖޭޕީގެ ކޮންގްރެސްގައި ހަތަރު ނައިބު ލީޑަރުން ވަނީ އިންތިހާބުކޮށްފަ އެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި އިރު، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ކުރިން ވެސް ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ކަމާލުއްދީނަށެވެ.

ޖޭޕީގެ ހަތަރު ނައިބު ލީޑަރުންގެ ގޮތުގައި އިންތިހާބުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޑރ. ހުސައިން ރަޝީދު ހަސަނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އަދި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. އޭގެ ތެރެއިން އަމީން އިބްރާހީމާއި ޑރ. ހުސައިންއަކީ ކުރިން ވެސް ޖޭޕީގެ ނައިބު ލީޑަރުންގެ މަގާމު ފުރުއްވަމުންދިޔަ ދެ ބޭފުޅުންނެވެ.

ވޯޓުގައި އަބްދުﷲ އަމީނަށް 237 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމީން އިބްރާހީމަށް 227 ވޯޓު ލިބިވަޑައިގެންނެވި އެވެ. ޑރ. ހުސައިންއަށް 224 ވޯޓު ލިބިވަޑައިގެންނެވި އިރު، ފަޔާޒަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. އަދި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމާލުއްދީނަށް ލިބިވަޑައިގަތީ 106 ވޯޓެވެ.

ޖޭޕީގެ ކޮންގްރެސް ނިންމާލި އިރު، އެ ޕާޓީގެ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. ލީޑަރުގެ މަގާމު ހުސްވީ އެ މަގާމަށް އެއްވެސް މީހަކު ކުރިމަތި ނުލުމުންނެވެ. ޖޭޕީން ނިންމީ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވަކި އެއްޗެއް އަންގަވަންދެން އެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްކޮށް ބޭއްވުމަށެވެ.

ޖޭޕީގެ ރައީސަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިންތިހާބުކުރި އިރު، ނައިބު ރައީސަކަށް އިންތިހާބުކުރީ ޑރ. އަބްދުﷲ މައުސޫމެވެ.

އެ ޕާޓީގެ ކައުންސިލަށް އިންތިހާބުކުރި 15 މެންބަރުންގެ ތެރޭގައި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ހިމެނެ އެވެ. އޭގެ އިތުރުން ދެން އިންތިހާބުވީ އަސްހަދު އަލީ (އަޑުބަރޭ)، މުހައްމަދު ސައީދު، މުހައްމަދު ފިކުރީ، އަހުމަދު މޫސާ، ހަސަން ސުޖާއު، ހުސައިން ރަޝީދު، އަހުމަދު ސައުދު، އަހުމަދު ރިޔާޒު، އަހުމަދު މުހައްމަދު، ނިހާދު މުހައްމަދު އަލީ، ސޮފްވާން މަހުމޫދު، އަނީސާ ސައީދު، އަބުދުﷲ ރަޝީދު މޫސާ އަދި ހުސައިން އަހުމަދެވެ.

comment ކޮމެންޓް