ޖޭޕީގެ ރައީސަކަށް އަލީ ވަހީދު އިންތިހާބުކޮށްފި

ޖޭޕީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި އަލީ ވަހީދު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިންތިހާބުކޮށްފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ ޖޭޕީގެ ކޮންގްރެސްގައި ދާދި ފަހުން އެމްޑީޕީ ދޫކޮށް ޖޭޕީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު، ރައީސް ކަމުގެ މަގާމަށް އިންތިހާބުކުރީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައި ވަނީ ރައީސް ކަމުގެ މަގާމަށް ހަމައެކަނި އަލީ ވަހީދު ކުރިމަތިލެއްވުމުންނެވެ. އެ މަގާމަށް އަލީ ވަހީދު އިންތިހާބު ކުރުމަށް ފެންނަ ކަމަށް 154 މެންބަރަކު ވޯޓު ދިން އިރު، އަލީ ވަހީދާ ދެކޮޅަށް 102 މެންބަރަކު ވޯޓުލާފައިވެ އެވެ.

ޖޭޕީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ޑރ. އަބްދުﷲ މައުސޫމެވެ. އެ މަގާމަށް ވެސް ހަމައެކަނި މައުސޫމް ކުރިމަތިލެއްވުމުން ދިޔައީ ފެންނަ ނުފެންނަ ވޯޓަކަށެވެ. ނައިބު ރައީސްގެ މަގާމަށް މައުސޫމް އިންތިހާބު ކުރުމަށް ފެންނަ ކަމަށް 240 މެންބަރަކު ވޯޓު ދިން އިރު، މައުސޫމާ ދެކޮޅަށް އަށް މެންބަރަކު ވޯޓުލާފައިވެ އެވެ.

ޖޭޕީގެ ހަތަރު ނައިބު ލީޑަރުން ވެސް ކޮންގްރެސްގައި ވަނީ އިންތިހާބުކޮށްފަ އެވެ. ނައިބު ލީޑަރުންގެ ގޮތުގައި ކުރިން ވެސް ހުންނެވި އަމީން އިބްރާހީމް އަދި ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ދެން އިންތިހާބުވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. ކުރިން އެ މަގާމު ފުރުއްވި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނަށް ވަނީ މިފަހަރު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިފަ އެވެ.

ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ ފިލްމީ ތަރި އަދި ކުރިން ވެސް އެ މަގާމުގައި ހުރި ވަލީދާ ވަލީދެވެ. އަންހެނުންގެ ލީގުގެ ނައިބު ރައީސަކަށް އައިމިނަތު އިބްރާހިމް އިންތިހާބު ކުރި އިރު، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އިންތިހާބުވީ އައްބާސަތު އައްބާސްއެވެ. އަދި އަންހެނުންގެ ލީގުގެ މެންބަރުކަމަށް އިންތިހާބުވީ އައިމިނަތު އިބްރާހީމާއި ފާތިމަތު ހަފްސާއެވެ.

ޒުވާނުންގެ ލީގުގެ ރައީސްކަމުގެ މަގާމަށް އައްސަދު ރިޒާ އިންތިހާބުވި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ހަމިއްޔާ އަލީ އެވެ. ޒުވާނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިމިނަތު މަލީހާ އިންތިހާބުވި އިރު، އެ ލީގުގެ މެންބަރުކަމަށް އިންތިހާބުވީ އައިމިނަތު ޝާއިގާއާއި އައިމިނަތު އަފްނާން އާރިފެވެ.

comment ކޮމެންޓް