ހަޒާޑަކީ ލީޑަރެެއް، ޕެނަމާ މެޗުގައިވެސް އެކަން ދައްކާލި!

ބެލްޖިއަމްއާއި ޕެނަމާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގިނަ ތަރިންތަކަކާއެކު މިއަހަރުގެ ވޯލްޑް ކަޕަށް ނުކުތް ބެލްޖިއަމް ވޯލްޑް ކަޕް ފެށީ 3-0ގެ ނަތީޖާއަކުން ޕެނަމާ ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ބެލްޖިއަމްއަށް ގޯލެއް ނުޖެހުނު ނަމަވެސް ފަހު ހާފްގައި ބެލްޖިއަމްގެ ފަރާތުން ތިން ގޯލް ފެނިގެންދިޔައެވެ.

މެޗުގައި ބެލްޖިއަމް ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވަޑް ރޮމެލޫ ލުކާކޫއެވެ. މެޗުގެ ފުރަތަމަ ހާފްގައި ލުކާކޫގެ ނުފެނުނަސް ދެވަނަ ހާފްގައި ބެލްޖިއަމްއަށް އޭނާގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނެވެ.

"ކެޕްޓަނެއްގެ ހައިސިއްޔަތުން ވިޔަސް. ކެޕްޓަނެއްގެ ހައިސިއްޔަތުން ނޫނަސް އަހަރެން ބުނަން ޖެހޭ އެއްޗެއް ވަރަށް ސާފުކޮށް ބުނާނަން. އަހަރެން ދަނޑުމަތީގައި މަސައްކަތް ކުރަނީ މޮޅުވާން. ހުރިހާ ކުޅުންތެރިންނަށްވެސް އަހަރެން އެހީވާނީ މޮޅުވާން. އެ މެޗުގެ އިންޓަވަލް ވަގުތު ލުކާކޫ ކައިރީ ބުނިން، މެޗުން މޮޅުވުމަށް ލުކާކޫ ބޭނުންވޭ. ހަމައެކަނި ގޯލް ޖަހާކަށް ނޫނޭ. އެޓޭކް އުފެއްދުމަށްވެސް ބޭނުންވޭ،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ އެ މެޗުގެ ފުރަތަމަ ހާފްގައި ލުކާކޫ ކުޅުނީ "ފިލައިގެން ހުރެ" ކަމަށާއި އެ ވާހަކަ އޭނާ ލުކާކޫ ކައިރީ ސީދާ ސީދަލަށް ބުނި ކަމަށެވެ.

"ލުކާކޫ ގެއްލިފައި ހުރީ މުޅި ފުރަތަމަ ހާފްގައި. އޭނާ ކައިރީ ރީތިކޮށް ބުނިން މަސައްކަތް ކުރަން ޖެހޭ ކަމަށް. އަހަރެމެންގެ ދެމެދު މައްސަލައެއްވެސް ނެތް. އޭނާގެ މަސައްކަތާއެކު ޓީމު މޮޅުވެގެން ފޭބީ. އެއީ މުހިއްމު ކަމަކީ،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ މިރޭ ޓިއުނޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މުހިއްމު ކަމަށާއި، އެންމެފަހު މެޗުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭއިރު އުނދަގޫވާނެ ކަމަށެވެ. ހަޒާޑްގެ ދެވަނަ "ހޯމް"ގެ ގޮތުގައި އޭނާ އިންގްލެންޑް ސިފަކުރާ އިރު، ހަޒާޑް ބުނީ މޮޅަކާއެކު އިންގްލެންޑާ ކުރިމަތިލުން ވަރަށް މުހިއްމު ކަމަށެވެ.

ބެލްޖިއަމްއާއި ޓިއުނީޝިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 17:00 ގައެވެ.

comment ކޮމެންޓް