ދައްކާނެ ބަހަނާއެއް ނެތް، ޖަރުމަނަށް އޮތީ ނަތީޖާ ނެރުން!

ޖަރުމަނުގެ އެސިސްޓެންޓް ކޯޗު، މިރްސްލާވް ކްލޯސާ --- ފޮޓޯ/ ގެޓީ

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނަށް މި އަހަރުގެ ވޯލްޑް ކަޕްގެ ފެށުން ދިޔައީ ހިތިކޮށެވެ. މެކްސިކޯއާ ވާދަކޮށް ޖަރުމަނު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވެފައި އޮތް އިރު، ދެވަނަ މެޗުގައި މިރޭ ޖަރުމަނުން ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. އެ މެޗުގައި މޮޅުވުން ނޫން ގޮތެއް ޖަރުމަނަށް ނެތެވެ. އަނެއް ބުރަށް ދިއުމަށް މިރޭގެ މެޗު ޖަރުމަނަށް އިންތިހާއަށް މުހިއްމެވެ.

މިރޭގެ މެޗާ ގުޅިގެން ޖަރުމަނުގެ ލެޖެންޑް، އަދި މިހާރު ޓީމުގެ އެސިސްޓެންޓް ކޯޗު މިރްސްލާވް ކްލޯސާ ބުނީ ޖަރުމަނުގެ ޓީމަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށާއި އޭނާގެ ސްޓައިލަކީ ބަހަނާ ދެއްކުން ނޫން ކަމަށެވެ.

"އަހަންނަކީ ބަހަނާ ދައްކާ ހިތްވާ މީހެއް ނޫން. ދަނޑުގެ ވިނަގަނޑާއި، ރެފްރީގެ މައްސަލަ އަދި ފިނި ހޫނު މިން. މިއީ ދައްކަން ޖެހޭ ބަހަނާއެއް ނޫން. އަހަންނަކީ އެކަހަލަ މީހެއް ވެސް ނޫން. ފުރަތަމަ މެޗާ ގުޅިގެން ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ. މިހާރު ކުރަންވި ކަމަކީ ވާހަކަތައް އެއް ފަރާތްކޮށް، ނަތީޖާ ނެރެންވީ. އިތުރު ޗޮއިސްއެއް ނެތް،" ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ރެކޯޑު އޮންނަ ކްލޯސާ ބުންޏެވެ. ކްލޯސާ ވަނީ ވޯލްޑް ކަޕްގައި 16 ގޯލް ޖަހައިފަ އެވެ. އަދި ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި ވެސް އުފުލާލައިފަ އެވެ.

ކްލޯސާ ބުނެފައި ވަނީ ކުރިއަށް އޮތް މެޗަކީ ޖަރުމަނަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށާއި އެހެން ނަމަވެސް ޖަރުމަނު ޓީމަކީ ޕްރެޝަރު މެޗުތަކުގައި އަބަދު ވެސް ރަނގަޅަށް ކުޅޭ ޓީމެއް ކަމަށެވެ.

"އަހަރެން ހަނދާން ހުރޭ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޖަރުމަނުން ސްވިޑެންއާ ދެކޮޅަށް ކުޅުނު ޕްލޭ އޯފް މެޗުގެ މަތިން. އެ މެޗަށް ނުކުތް އިރު ޓީމަށް ބޮޑު ޕްރެޝަރެއް އޮތް. އެކަހަލަ މެޗުތަކަކީ ޖަރުމަނުގެ އެންމެ ވަރުގަދަ ކުޅުން ފެންނަ މެޗުތައް. އެހެންވީމަ އެފަހަރު ވެސް ސްވިޑެން ބަލިކޮށްގެން ކޮރެއާ ޖަޕާންގެ ވޯލްޑް ކަޕަށް ދިޔައީ. އެ މެޗުތަކުން ލިބޭ ހިތްވަރާ އެކު މިހުރީ،" ކްލޯސާ ބުންޏެވެ.

ގްރޫޕް އެފްގެ އެއްވަނާގައި މިވަގުތު ސްވިޑެން އޮތް އިރު، އެޓީމު ފުރަތަމަ މެޗުގައި ސައުތު ކޮރެއާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ދެވަނާގައި އޮތް މެކްސިކޯ ވެސް ތިން ޕޮއިންޓާ އެކު އޮތް އިރު، ޖަރުމަނަށް މިރޭގެ މެޗު ވަރަށް މުހިއްމެވެ.

comment ކޮމެންޓް