ޝަކީރީގެ ގޯލާއެކު ސްވިޒަލޭންޑުން ސާބިއާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 'ގްރޫޕް އީ'ގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޒަލޭންޑް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޒެރްދާން ޝަކީރީގެ ގޯލާއެކު ސްވިޒަލޭންޑުން ފަހަތުންއަރައި ސާބިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރަޝިއާގެ ކަލިނިންގްރާޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު 'ގްރޫޕް އީ'ގެ ފޯރިގަދަ މެޗުން ސްވިޒަލޭންޑް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން ސްވިޒަލޭންޑް މޮޅުވުމާއެކު އެޓީމަށް ވަނީ ގަދަ 16އަށް އުންމީދު އާވެފައެވެ. އެގޮތުން މިވަގުތު ގްރޫޕް އީގެ އެއްވަނައިގައި ބްރެޒިލް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސްވިޒަލޭންޑް ވެސް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. އެހެން ނަމަވެސް އެޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލެއް މަދުވެގެންނެވެ.

ތިން ވަނައިގައި އޮތް ސާބިއާއަށްވެސް ދެވަނަ ބުރުގެ ފުރުސަތު އޮތް އިރު، އެޓީމަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ. ފަހު މެޗުގައި ބްރެޒިލް ބަލިކޮށްގެން ސާބިއާއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ފީފާ ވޯލްޑް ކަޕް 'ގްރޫޕް އީ'ގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޒަލޭންޑް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ސާބިއާގެ ފޯވަޑް އެލެކްސެންޑަރާ މިޓްރޮވިޗެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްވިޒަލޭންޑްގެ ކީޕަރު ޔެން ސޮމާއެވެ. އެ ހަމަލާއަށް މާގިނައިރެއްނުވެ ސާބިއާއިން ލީޑު ނެގިއެވެ. ސާބިއާއަށް ލީޑު ނަގައިދިނީ ފުރަތަމަ ހަމަލާވެސް އުފެއްދި މިޓްރޮވިޗެވެ. މިޓްރޮވިޗްގެ ގޯލް ކާމިޔާބުކުރީ ބޮލުންނެވެ.

ސާބިއާއިން ލީޑު ނެގި ނަމަވެސް ހާފްގެ ފަހު ބައިގައި ވަރުގަދައަށް ކުޅުނީ ސްވިޒަލޭންޑުންނެވެ. ހާއްސަކޮށް ޝަކީރީއާއި ސްވިޒަލޭންޑްގެ ކުރިއަށް ކުޅޭ ސްޓީވަން ޒުބާގެ ކުޅުން ފާހަގަކޮށްލެވުނެވެ. ލެރިމް ޖެމައިލީގެ ހަމަލާ ސާބިއާގެ ކީޕަރު ލަޑިމިއާ ސްޓިގްކޮވިޗް މަތަކުރި އިރު، ސާބިއާއިންވެސް ވަނީ ހާފް ނިމެން ދަނިކޮށް އިތުރު ހަމަލާއެއް އުފައްދައިފައެވެ. ޑުސްކޯ ޓޮސިޗަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، ނަމެންޔާ މަޓިޗްގެ ހަމަލާވެސް ގޯލާ އަމާޒެއް ނުވިއެވެ.

ފީފާ ވޯލްޑް ކަޕް 'ގްރޫޕް އީ'ގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޒަލޭންޑް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފް ފެށި އިރަށް ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. އާސެނަލަށް ކުޅެމުން އަންނަ ގްރެނިޓް ޒަކާގެ ރީތި ނިންމާލުމާއެކު ސްވިޒަލޭންޑުން އުންމީދު އާކޮށް ވަރުގަދައަށް ކުޅެން ފެށިއެވެ. ދެ ޓީމުންވެސް މެޗުން މޮޅުވާން މަސައްކަތް ކުރި އިރު، ސްވިޒަލޭންޑުން ފަހު ވަގުތު ގޯލް ޖެހީ ޝަކީރީގެ ހުނަރުވެރިކަމާ އެކުގައެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މާދަމާ ކުޅޭ މެޗުތައް:

17:00 ބެލްޖިއަމް - ޓިއުނޭޝިއާ

20:00 ސައުތު ކޮރެއާ - މެކްސިކޯ

23:00 ޖާމަން - ސްވިޑެން

comment ކޮމެންޓް