އައިސްލޭންޑް ބަލިކޮށް، ނައިޖީރިއާއިން ގަދަ 16ގެ އުންމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕް 'ގްރޫޕް ޑީ'ގައި ނައިޖީރިއާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނައިޖީރިއާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕް 'ގްރޫޕް ޑީ'ގައި އަހްމަދު މޫސާގެ ދެ ލަނޑުން އައިސްލޭންޑް ބަލިކޮށް، ނައިޖީރިއާއިން ގަދަ 16ގެ އުންމީދު އާކޮށްފިއެވެ.

ރަޝިއާގެ ވޮލްގޮގްރޭޑް އެރީނާގައި މިރޭ ކުޅުނު މެޗުގައި އައިސްލޭންޑްގެ މައްޗަށް ނައިޖީރިއާއިން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕް 'ގްރޫޕް ޑީ'ގައި ނައިޖީރިއާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނައިޖީރިއާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާއެކު ނައިޖީރީއާގެ އިތުރުން އާޖެންޓީނާ އަދި އައިސްލޭންޑަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ގްރޫޕުން ގަދަ 16ގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ދެ މެޗުން ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް ކްރޮއޭޝިއާއެވެ. ދެވަނައިގައި އޮތް ނައިޖީރިއާއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އާޖެންޓީނާ އަދި އައިލޭންޑަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އައިސްލޭންޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އައިސްލޭންޑުގެ ގިލްފީ ސިގާޑްސަން ފޮނުވާލި ދެ ހަމަލާއެއް ނައިޖީރިއާގެ ގޯލްކީޕަރު ފްރެންސިސް އޮޒޮހޯއަށް ދިފާއުކުރަން ޖެހުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުތެރޭ ނައިޖީރިއާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ވިކްޓަ މޮސެސް ނަގައިދިން ހުރަހަކުން ނައިޖީރިއާއަށް ލީޑު ހޯދައިދިނީ މޫސާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައިސްލޭންޑުގެ ގޯލް ކައިރިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު ވެސް ނައިޖީރިއާއިން ދިޔައީ އައިސްލޭންޑުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ނައިޖީރިއާގެ ވިލްފްރެޑް އެންޑީޑީ ފޮނުވާލި ހަމަލާއެއް އައިސްލޭންޑުގެ ކީޕަރު ހާނެސް ހޯލްޑާސަން ދިފާއުކުރި އިރު، މޫސާގެ ހަމަލާއެއް އައިސްލޭންޑް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ.

ނައިޖީރިއާއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ނައިޖީރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މޫސާއެވެ. ކެނެތު އޮމޭރުއޯ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން ނައިޖީރިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މޫސާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ފީފާ ވޯލްޑް ކަޕް 'ގްރޫޕް ޑީ'ގައި ނައިޖީރިއާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނައިޖީރިއާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 80 ވަނަ މިނެޓުގައި ރެފްރީއަށް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންކޮށްފައެވެ. ފުރަތަމަ ނައިޖީރިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލްފްރެއޯ ފިންބޮގަސަންއަށް ޓައިރޯން އެބުއެހީ ފައުލް ނުކުރާ ކަމަށް ނިންމި ނަމަވެސް، ފަހުން އޭނާ ވަނީ ވީއޭއާރްގެ ބޭނުން ހިފައި އައިސްލޭންޑަށް ޕެނަލްޓީއެއް ދީފައެވެ. ސިގާޑްސަން ފޮނުވާލި އެ ޕެނަލްޓީ ނައިޖީރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

'ގްރޫޕް ޑީ'ގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގައެވެ. ނައިޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު، އައިސްލޭންޑް ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ ގްރޫޕުން ގަދަ 16ގެ ފަހު ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ އެ ދެ މެޗަށްފަހުއެވެ.

މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް އީ'ގެ މެޗެކެވެ. މިރޭ 11:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ސާބިއާއާއި ސްވިޒަލޭންޑެވެ.

comment ކޮމެންޓް