ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށް ދިޔަ ލޯންޗް އަދިވެސް ނުނެގި!

ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށް ދިޔަ ލޯންޗް -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

މިދިިޔަ ހޯމަ ދުވަހު ހދ. ކުޅުދުއްފުށީ ފަޅުތެރެއަށް އަޑިއަށް ދިޔަ ލޯންޗް އަދިވެސް ނުނަގާ ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ލޯންޗަކީ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ބަލިމީހުން އުފުލަން ބޭނުންކުރި ލޯންޗެކެވެ. ނަމަވެސް ފަހުން ޕްރޮވިންސް އޮފީހުން ކުޅުދުއްފުށީ ހޮސްޕިޓަލާ ލޯންޗު ހަވާލުކުރިއިރުވެސް އެ ލޯންޗު ވަނީ ހަލާކުވެފައެވެ. އެހެންކަމުން އެ ލޯންޗް މިހާތަނަށްވެސް އޮތީ ފަޅުތެރޭގައި ބާއްވައިފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ފަޅުތެރެއަށް އަޑިއަށް ދިޔަ ލޯންޗް ނެގުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ލޯންޗް އަޑިއަށް ދިއުމުގެ ސަބަބުން ތެޔޮ ލީކުވެފައި -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އެ ލޯންޗް އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ތެޔޮތައް ފަޅުތެރެއަށްވެސް ފެތުރެނެވެ. ނަމަވެސް މިހާރު ފަޅުތެރެ ސާފު ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެ ލޯންޗް ނެގުން ލަސްވީ އެ ލޯންޗަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކުރާ ލޯންޗަކަށް ވާތީ ކަމަށެވެ. އަދި މިހާރު އެ ލޯންޗް ނެގުމަށް ކުރަންޖެހޭ މަސަައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެމްއެންއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް