ތުރުކުމެނިސްތާން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އާމިރު ނިއުއަށް

އާމިރު ގުރުބާނީ (ކ2) ތުރުކެމެނިސްތާން ގައުމީ ޓީމާއެކު

ތުރުކުމެނިސްތާން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާމިރު ގުރުބާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.

އާމިރު ނިއުއާ ގުޅުނުކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

އާމިރު އެންމެފަހުން ކުޅެފައިވަނީ ކިރްގިސްތާން ލީގުގެ އެފްސީ ޑޯޑޯ ބިސްޝެކްއަށެވެ. މިދިޔަ އަހަރު އެ ކްލަބު ނިންމާލީ ލީގު ތާވަލުގެ ތިން ވަނައިގައެވެ. އަދި އެގައުމުގެ ކަޕް ޗެމްޕިއަނުންނަކީ ޑޯޑޯ ބިސްޝެކެވެ.

އާމިރަކީ އޭގެ ކުރިން ތުރުކުމެނިސްތާނު ލީގުގެ ގިނަ ޓީމުތަކަކަށް ކުޅެ، ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އުމުރުން 30 އަހަރުގެ ފޯވަޑެކެވެ. ކެރިއަރުގައި 200 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ގާތްގަނޑަކަށް 100 ގޯލް ޖަހައިފައެވެ.

ގިނަ ފަހަރެއްގެ މަތިން ތުރުކުމެނިސްތާންގެ ލީގާއި ކަޕްވެސް ކާމިޔާބުކޮށްފައިވާ އާމިރު ވަނީ މިދިޔަ ސީޒަންގައި އެގައުމުގެ އެފްސީ ޝަގަޑަމްއަށް ކުޅެ 30 މެޗުން 16 ގޯލް ޖަހައިފައެވެ.

ތުރުކުމެނިސްތާންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކުވެސް ގިނަ މެޗުތަކެއް ކުޅުނު އާމިރު އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެގައުމުގެ ސީނިއާ ގައުމީ ޓީމަށްވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ތުރުކުމެނިސްތާން ގައުމީ ޓީމަށް 22 މެޗު ކުޅެފައެވެ.

އާމިރު ގުރުބާނީ ---

އޭއެފްސީން ކުރިން ބާއްވަމުންދިޔަ އޭޝިއަން ޕްރެސިޑެންސް ކަޕްވެސް ތުރުކުމެނިސްތާނުގެ ބަލްކަންއިން ކާމިޔާބުކުރި އިރު، އާމިރަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އާމިރު ވަނީ އެޓީމަށް ކުޅުނު ސީޒަންގައި 54 މެޗުން 31 ގޯލް ޖަހައިފައެވެ.

ނިއުއިން މިސީޒަން ފެށީ ސްޕެއިންގެ ފޯވަޑް ގުއިލެމް މާޓީއާއެކުގައެވެ. އެހެން ނަމަވެސް މާލޭ ލީގާއި އޭއެފްސީ ކަޕްގައިވެސް އޭނާއަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ނިއުއިން ވަނީ އޭނާ ފޮނުވާލައިފައެވެ. އާމިރާއެކު މިހާރު ކްލަބުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާގެ އިތުރުން ޑިފެންޑަރު ޖޯޖު ގޯޓޯ އަދި ރުވާންޑާގެ ފޯވަޑް އަތުއިރޭ ކިޕްސަންއެވެ.

މިސީޒަންގެ ފުރަތަމަ ބައިގައި ޓީމުގެ ފަހަތް ބެލެހެއްޓި އަފްގާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ ވަނީ ކްލަބާ މައްސަލަތަކެއް ޖެހި، ކްލަބަށް ނޭނގި ފުރައިފައެވެ. އަދި ނިއުގެ އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ)އާއި ކްލަބުން ވެފައިވާ އެއްބަސްވުންވެސް އިއްޔެ އެފްއޭއެމްއިން ވަނީ އުވާލައިފައެވެ. އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ނިއުއާއި ދަގަނޑޭއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލިކަން އަންގާފައިވަނީ ނިއުއިން މުސާރަ ނުދޭ ކަމަށްބުނެ ދަގަނޑޭ އެފްއޭއެމްއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.

މިއަހަރުގެ މާލޭ ލީގު ޗެމްޕިއަންކަން ނިއުއިން ހޯދާފައިވާ އިރު، މިމަހުގެ 28 ވަނަ ދުވަހު ޕްރިމިއާ ލީގު ފަށާނީ ނިއުއާއި ތ. ތިމަރަފުށި ވާދަކުރާ މެޗުންނެވެ.

comment ކޮމެންޓް