މިސްރުން ރަޝިއާ މެޗުގެ ރެފްރީ މައްސަލައިގައި ފީފާއަށް!

ރަޝިއާއާއި މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިސްރާއި ރަޝިއާ ވާދަކުރި މެޗުގައި ރެފްރީކަން ކުރި އެންރިކޭ ކަސަރޭސްއާއި އޭނާގެ ޓީމުގެ މައްސަލަ ބަލައިދިނުމަށް އެދި މިސްރުން ފީފާއަށް ހުށަހަޅައިފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިސްރާއި ރަޝިއާ ވާދަކުރި މެޗުން މިސްރު ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވެ މިސްރު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.

މިސްރުން ބުނެފައި ވަނީ ރަޝިއާގެ ފުރަތަމަ ގޯލް ޖެހުމުގެ ކުރިން އެގައުމުގެ ޑިފެންޑަރު އަހުމަދު ފަތީއަށް، ރަޝިއާގެ އަރުތެމް ޔޫބާ ފައުލް ކޮށްފައިވާ ކަމަށެވެ. އަދި މެޗުގެ ދެވަނަ ހާފްގައި މިސްރަށް ދޭން ޖެހޭ ޕެނެލްޓީއެއް ދިނުމަށް ރެފްރީ އިންކާރު ކުރި ކަމަށެވެ.

މިސްރުގެ އެފްއޭއިން ބުނެފައި ވަނީ ރެފްރީއާ މެދު މައްސަލަ ޖެއްސުމަށް އެގައުމަށް ހައްގު ލިބިފައިވާ ކަމަށެވެ. އަދި މިސްރުން ބޭނުން ވަނީ މުޅި މެޗުގައި ރެފްރީގެ ހުރިހާ އަމަލެއް ފީފާއިން ދިރާސާ ކޮށްދިނުމަށް ކަމަށްވެސް މިސްރުގެ އެފްއޭގެ ރައީސް އަބޫ ރީދާ ވިދާޅުވެފައިވެއެވެ.

މިސްރުން ޕެނެލްޓީއެއް ކަމަށް ބުނަނީ މެޗުގެ 78 ވަނަ މިނެޓުގައި ރަޝިއާގެ ޑިފެންޑަރު އިލިއާ ކުޓެޕޯވް، މިސްރުގެ މަރްވާން މުހުސިނަށް އޭރިއާ ތެރެއިން ކުރި ޗެލެންޖެކެވެ. މިސްރުގެ އެފްއޭއިން ބުނެފައި ވަނީ އެ ދަނޑިވަޅުގައި ރެފްރީ ވީއޭއާރްގެ އެހީ ހޯދަން ޖެހޭނެ ކަމަށެވެ.

މިސްރަށް ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ. އެ މެޗަށް ނުކުންނަ އިރު، ދެޓީމުވެސް އޮތީ ކަޓައިފައެވެ. މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.

comment ކޮމެންޓް