އިންސްޓަގްރާމްގެ ތަރިން ރިސޯޓްގައި ހިލޭ ތިބެވޭތޯ ދުވާލަކު ހަ ކޯލް ލިބޭ: ދުސިތުތާނީ

ރާއްޖޭގައި ހިންގާ ފަސްތަރީގެ ރިސޯޓް ދުސިތް ތާނީ ރިސޯޓް

މަޝްހޫރު މީސް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމްގައި އުޅޭ ނުފޫޒުގަދަ ''ތަރިން" ރިސޯޓްގައި ހިލޭ ޗުއްޓީ ހޭދަކޮށްލަން ބޭނުންވެގެން ދުވާލަކު މަދުވަގެން ހަ ކޯލް ލިބޭ ކަމަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދުސިތު ތާނީއިން ބުނެފިއެވެ.

ޓްރެވަލް ވެބްސައިޓެއް ކަމަށްވާ ދިސްއިޒް އިންސައިޑާ ނޫހަށް ދުސިތުތާނީގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ މެނޭޖަރު ކޭޓް ޖޯންސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިސޯޓުގައި އެގޮތަށް ހިލޭ ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުން މާބޮޑަށްވެސް ގިނަވެފައިވާ ކަމަށެވެ.

'' ފޭސްބުކުގައި އުޅޭ ކޮންމެ މީހަކީވެސް މިހާރު ކޮންމެވެސް ވަރެއްގެ އޯޑިއަންސެއް އޮންނަ ކޮންމެވެސް ނުފޫޒެއް އޮންނަ މީހެއް. ދެން ފޭސްބުކްގައި ނުވަތަ އިންސަތްގްރާމްގައި 600 ފޮލޯވަރުން އިންނަ މީހަކުވެސް އަޅުގަނޑާ ކޮންޓެކްޓް ކޮށްފަ ބުނެފާނެ ހަފުތާއަަކަށް ހިލޭ ހުރެލަން ބޭނުމޭ. ދެން އެމީހުން ބޭނުންވާނީ ވެސް އޯލް އިންކްލޫސިވްކޮށް. ރާއްޖެއަކީ އަގުހެޔޮ ތަނެއްވެސް ނޫން،" ކޭޓް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ފަސްތަރީގެ ރިސޯޓް ދުސިތް ތާނީ މޯލްޑިވްސް ރިސޯޓް

އެގޮތަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ގިނަ ފަހަރު ތާކުންތާކު ޖެހޭ ހުށަހެޅުންތަކެއް ލިބެނީ އެންމެ ދިހަ ޕަސެންޓް މީހުންގެ ތެރެއިން ކަމަށް ވެސް ކޭޓް ވިދާޅުވިއެވެ.

އިންސްޓަގްރާމްގައި މަޝްހޫރު ''ތަރިން" ނަކީ ވަރަށް ނުފޫޒު ގަދަ ބައެކެވެ. އެމީހުން ޕޯސްޓް ކުރާ ފޮޓޯތައް ވަރަށް ގިނަ ބަޔަަކަށް ފެނިގެންދާތީ މާކެޓްކުރާ މީހުންނަށް އިންސްޓަގްރާމް ތަރިންނަކީ ވަރަށް މުހިންމު ބައެކެވެ. ބައެއް ހޮޓާތަކުން އެފަދަ މީހުން ޕޯސްޓްކުރާ ފޮޓޯއަކަށް 7000 އެމެރިކާ ޑޮލަރު ދޭ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.

ހުދު ރާއްޖޭގެ ބައެއް ރިސޯޓްތަކުންވެސް މީސް މީޑިއާތަކުގައި ނުފޫޒުގަދަ ފަރާތްތައް ލައްވައި ރިސޯޓްތައް ޕްރޮމޯޓްކުރުމަށް މަަސަައްކަތް ކުރެއެވެ.

ރާއްޖޭގައި ހިންގާ ފަސްތަރީގެ ރިސޯޓް ދުސިތް ތާނީ ރިސޯޓް

އިންސްޓަގްރާމްގެ ނުފޫޒުގަދަ ''ތަރި''އެއް ކަމަށްވާ އެލީ ޑާބީ މަޝްހޫރު ހޮޓަލެއްކަމަށްވާ ދަ ވައިޓް މޫސް ހޮޓަލުގައި ހިލޭ ހުންނަން ބޭނުންވެގެން އެ ހޮޓަލުގެ ވެރިއާގެ ކިބައިން އެދުމުން އޭނާ އެކަމަށް ފުރަަގަސްދިން ހާދިސާ ދާދި ފަހުން ވަނީ ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައެވެ.

ކޭޓް ވިދާޅުވީ، އިންސްޓަގްރާމްގެ ''ތަރިން''ގެ ފަރާތުން ލިބޭ ހުށަހެޅުންތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެއީ ބައެއް ފަހަރު އެ ފަދަ މަޝްހޫރު މީހުންގެ ފޮލޯވާސްގެ ގޮތުގައި ''ބޮޓްސް" ގިނަ އަދަދަކަށް ތިބުމެވެ. އިންސްޓަގްރާމްގައި އެމީހުންގެ ފޮލޯވާސް ކިތަންމެ ގިނަޔަސް އެއީ ހަގީގީ ފޮލާވާސްއެއް ނޫނެވެ.

comment ކޮމެންޓް