ޓްރަމްޕާއި ޕޫޓިންގެ ސަމިޓަކަށް ތައްޔާރުވަނީ

މޮސްކޯ (ޖޫން 22): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ސަމިޓް ބައްދަލުވުމަކަށް ތައްޔާރުވަމުންދާކަން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ހާމަކޮށްފިއެވެ.

ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ ބައްދަލުކުރައްވަން ބޭނުންފުޅުވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެފަހަރެއްގެ މަތިން ހާމަކުރައްވާފައިވާއިރު ޓްރަމްޕާ ބައްދަލުކުރައްވަން ރައީސް ޕޫޓިންވެސް ހުންނެވީ ތައްޔާރަށް ކަމުގައެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ރަޝިޔާއަށް ކުރައްވާ ޒިޔާރަތުގައި ސަމިޓް ބާއްވާނެ ތަނަކާއި ތާރީޚަކާ އަދި އެޖެންޑާއާބެހޭގޮތުން އޭނާ ރަޝިޔާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ބިސްކޯފް ވިދާޅުވިއެވެ.

ޖޯން ބޯލްޓަން ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޯލްޓަން ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންއާ ބައްދަލުކުރައްވާނެކަން ނުވަތަ ނޫންކަން ހާމަވެފައެއް ނުވެއެވެ. ވައިޓް ހައުސްއިން ވަނީ ބޯލްޓަން ރަޝިޔާއަށް ޒިޔާރަތް ކުރައްވާކަން ކަށަވަރުކޮށްދީފައެވެ.

ޖޯން ބޯލްޓަން ރަޝިޔާއަށް ކުރައްވާ ދަތުރުފުޅަކީ ޓަރްމްޕާއި ޕޫޓިންގެ ސަމިޓް ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ރަޝިޔާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރަޝިޔާގެ މީޑިޔާއިން ބުނެއެވެ. ބޯލްޓަން ރަޝިޔާއަށް ވަޑައިގަންނަވާނީ ހަފްތާ ބަންދުގައިކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެބޭފުޅުން ރަސްމީ ސިފައެއްގައި ބައްދަލުކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކުގެ އަރިމަތީގައި ދެބޭފުޅުން ބައްދަލުކުރައްވާފައިވެއެވެ.

ރަޝިޔާއާ އެމެރިކާގެ ގުޅުންތައް ރަނގަނޅުކުރަން ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް އެޅިފައިވާ ހުރަހަކީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މިމައްސަލަ އެމެރިކާގައި ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި ތަހްގީގް ކުރަމުންނެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް