ބްރިޖުގެ ހުރިހާ ތަނބުތަކެއް އަންނަ މަހު 9ގައި ގުޅުވާ ނިންމާލަނީ!

ސްޓީލް ބޮކްސް ގާޑާ ބީމްސްތައް ތަނބުތަކާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ/ ޑރ. މުއިއްޒު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ހުރިހާ ތަނބުތަކެއް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގުޅުވާ ނިންމާލާގޮތަށް ހަމަޖައްސައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުރިޖުގެ އިތުރު ދެ ތަނބެއް ގުޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އަންނަ މަހު ނުވަ ވަނަ ދުވަހާ ހަމައަށް ބްރިޖުގެ ހުރިހާ ތަންބުތަަކެއް ގުޅުވައި މާލެއާ ހުޅުލެއާ ދެމެދު އެއްކޮށް ގުޅުވާ ނިންމާލާނެ ކަމަށެވެ.

ޗައިނާއިން ފެބްރިކޭޓް ކޮށްގެން ގެނައި "ސްޓީލް ބޮކްސް ގާޑާ ބީމްސް" ބްރިޖްގެ މައި ތަނބުތަކާ ގުޅުވާލުމުގެ މަސައްކަތް ފެށީ މިމަހުުގެ ކުރީކޮޅުއެވެ.

ބްރިޖް ނިންމުމުގެ ފަހު މަރުހަލާގެ މަސައްކަތް ފެށުނު އިރު އެ މަސައްކަތް ކުރިއަށް ދަނީ ހަލުވިކަމާ އެކު ޝެޑިއުލާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އަދި ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީން ދަނީ ހަލުވިކަމާ އެކު ކުރަމުންނެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް