އިސްލާމިކް ޔުނިވާސިޓީން މުޅިން އާ ދެ ކޯހެއް ތައާރަފްކޮށްފި

އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން މުޅިން އާ ދެކޯހެއް ތައާރަފްކޮށްފިއެވެ.

އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިމަހު އެ ޔުނިވާސިޓީގައި ފަށާ ސެމިސްޓާގައި ޕޯސްޓް ގެރެޖުއޭޓް ޑިޕްލޮމާގެ ދެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ޝަރީއާ އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ލޯ ހިމެނެއެވެ.

އައިޔޫއެމް އިން ބުނީ އެ ދެ ކޯހަކީވެސް އެއް އަހަރުދުވަހުގެ މުއްދަތުގެ ކޯހެއް ކަމަށެވެ. އެ ދެ ކޯހުގެ ކޯސްފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 37845 ރުފިޔާއެވެ.

ދެ ކޯހަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަރީއާ ނުވަތަ ލޯ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ. ނުނީ އުމުރުން 25 އަހަރު ފުރި އެންމެ މަދުވެގެން ގުޅޭ ދާއިރާއެއްގައި ހަތަރު އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު އެންމެ ދަށް ވެގެން ލެވެލް 6ގެ ސަނަދު އޮތް މީހަކަށް ވާން ޖެހެއެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ ކުރިއަށް މި ފެށޭ ސެމިސްޓާގައި 56 ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން އަލަށް އެ ޔުނިވާސިޓީގައި ފަށާ މާސްޓާސް އޮފް ޓީޗިން އެންޑް ލާނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެތްފިކެޓް އިން އިސްލާމިކް ފައިނޭންސް ހިމެނޭ ކަމަށް އިސްލާމިކް ޔުނިވާސިޓީ އިން ބުންޏެވެ.

comment ކޮމެންޓް