20 އަހަރަށްފަހު ކްރޮއޭޝިއާ ގަދަ 16އަށް، އާޖެންޓީނާއަށް މާޔޫސްކަން!

އާޖެންޓީނާއާއި ކްރޮއޭޝިއާ މިރޭ ކުުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވިހި އަހަރަށްފަހު ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ކްރޮއޭޝިއާ އެންމެފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފައި ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ކުޅުނު ވޯލްޑް ކަޕްގައެވެ. އެ އަަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ، ކްރޮއޭޝިއާއިން ވަނީ ހޯދައިފައެވެ.

ނިޒިނީ ނޮވްގްރޯޑްގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވެ އާޖެންޓީނާއަށް ވަނީ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. މިރޭގެ ނަތީޖާއަކީ މިދިޔަ 60 އަހަރު ތެރޭގައި އާޖެންޓީނާއިން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް މެޗެއްގައި ހޯދި އެންމެ ދަށް ނަތީޖާއެވެ.

އާޖެންޓީނާއާއި ކްރޮއޭޝިއާ މިރޭ ކުުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާޖެންޓީނާއިން ފުރަތަމަ ކުޅުނު މެޗުގައި އައިސްލޭންޑާ އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. ދެން އާޖެންޓީނާއަށް ބާކީ އޮންނާނީ ނައިޖީރިއާ މެޗެވެ. ކްރޮއޭޝިއާއިން ފުރަތަމަ މެޗުގައި ނައިޖީރީ ބަލިކޮށްފައިވާ އިރު، މާދަމާ ރޭ މި ގްރޫޕްގެ މެޗެއް އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އައިސްލޭންޑާއި ނައިޖީރިއާއެވެ. އެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އާޖެންޓީނާއަށް އަމިއްލަ ބާރު ގެއްލޭނެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ކޮޅުގައިވެސް ކްރޮއޭޝިއާގެ ނުރައްކާ ފެނިގެންދިޔައެވެ. ހާއްސަކޮށް މާރިއޯ މަންޒޫކިޗާއި އިވާން ޕެރިސިޗްގެ ނުރައްކާ މެޗުގެ ކުރީކޮޅުގައިވެސް ފެނިގެން ދިޔައެވެ. މެޗުގެ ކުރީ ކޮޅުގައި ޕެރިސިޗް ފޮނުވާލި ހަމަލާ މަތަކުރީ އާޖެންޓީނާގެ ގޯލް ބަލަހައްޓަމުން ދިޔަ ވިލީ ކަބަލޭރޯއެވެ.

ކަބަލޭރޯއަކީ އާޖެންޓީނާގެ ބަދަލު ކީޕަރެވެ. ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އާޖެންޓީނާގެ އެއް ނަންބަރު ކީޕަރު، ސާޖިއޯ ރޮމޭރޯއަށް ވަނީ އަނިޔާވެފައެވެ. ކްރޮއޭޝިއާގެ މެދުތެރެއިން ލޫކާ މޮޑްރިޗާއި އީވާން ރަކެޓިޗްގެ ކުޅުން މުޅި މެޗުގައިވެސް ފާހަގަ ކުރެވުނު އިރު، އާޖެންޓީނާއަށް މެދުތެރެއިން އެއްވެސް ވަރަކަށް ފުރުސަތު ތަނަވަސް ކޮށްފައެއް ނުވެއެވެ.

އާޖެންޓީނާއާއި ކްރޮއޭޝިއާ މިރޭ ކުުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކްރޮއޭޝިއާއަށް ފުރަތަމަ ހާފްގައި ލީޑު ނުނެގުނު ނަމަވެސް، މަންޒޫކިޗާއި އަންޓޭ ރެބިޗްގެ ހަމަލާ ފާހަގަ ކުރެވުނެވެ.

ދެވަނަ ހާފް ފެށިގެން 53 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ލީޑު ނެގިއެވެ. އާޖެންޓީނާގެ ޑިފެންޑަރު، ކީޕަރު ކަބަލޭރޯއަށް ދިން ބޯޅަ ކަބަލޭރޯއަށް ޖައްސާ ލެވުނީ ކްރޮއޭޝިއާގެ ފޯވަޑް ރެބިޗްގެ ފަޔަށެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.

ގޯލަށްފަހުވެސް ކައުންޓާ އެޓޭކްކޮށްގެން ކުޅުނު ކްރޮއޭޝިއާއިން ގިނަ ހަމަލާތަކެއް ފަހި ކުރިއެވެ. އާޖެންޓީނާއިން ދެވަނަ ހާފްގައި ޕައުލޯ ޑީބާލާ ކުޅެން ނެރުނު ނަމަވެސް އޭނާއަށްވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މެޗު ނިމެން ދަނިކޮށް، 80 ވަނަ މިނެޓުގައި މޮޑްރިޗްގެ ގޯލުން ކްރޮއޭޝިއާ ލީޑު ފުޅާކުރިއެވެ. އާޖެންޓީނާ އޭރިއާ ބޭރުން މޮޑްރިޗް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަށެވެ. އަދި މެޗު ނިމެންދަނިކޮށް ރަކެޓިޗްގެ ގޯލާއެކު ކްރޮއޭޝިއާއިން އާޖެންޓީނާ ލަދުގަންވާލިއެވެ.

އާޖެންޓީނާއާއި ކްރޮއޭޝިއާ މިރޭ ކުުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ހާއްސަކޮށް ސްޓޭޑިއަމްގައި މެޗު ބަލަން ގޮސްއިން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަރަށް ބޮޑަށް މާޔޫސްވެފައިވާތަން ފެނުނެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާދަމާ ކުޅޭ މެޗުތައް:

17:00 ބްރެޒިލް - ކޮސްޓަ ރިކާ

20:00 ނައިޖީރިއާ - އައިސްލޭންޑް

23:00 ސާބިއާ - ސްވިޓްޒަލޭންޑް

comment ކޮމެންޓް