ފާރިސްގެ މައްޗަށް ކުރާ ޝަހުސުއޮޅުވާލުމުގެ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުން ފަސްކޮށްފި

ޝަރީއަތައް ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައިސްފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚްސު އޮޅުވައިލުމުގެ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް އެއްކޮށް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.

ނަމަވެސް ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތައް ޝަރީއަތުގެ މަޖިލީހުގައި ހުށަހެޅުމުގެ ފުރުސަތު ކުރިން ނުލިބޭ ކަމަށް ފާރިސްގެ ވަކީލުން ބުނުމުން ދައުލަތުން އެ ފުރުސަތުދީ ޚުލާސާ ބަޔާން ހުށަހެޅުން އަންނަ ހަފްތާއަށް ވަނީ ފަސްކޮށްފައެވެ. ފާރިސްގެ ފަރާތުން ދިފާއުގައި 27 ކިތާބީ ހެއްކެއް ހުށަހަޅާފައިވެއެވެ.

ޚުލާސާ ބަޔާނަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވައިލުމުގެ ދައުވާ ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ.

comment ކޮމެންޓް