ހިޖުރަވެރިންގެ އާއިލާތައް ވަކި ކުރާ ސިޔާސަތު ޓްރަމްޕް ނިމުމަކަށް ގެންނަވައިފި

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާއިލާތައް ވަކި ކުރާ ސިޔާސަތު ނިމުމަކަށް ގެންނަވާފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖޫން 21): އެމެރިކާއަށް ގަވާއިދާ ހިލާފަށް އެތެރެވާ އާއިލާތައް ވަކި ކުރާ ސިޔާސަތު ނިމުމަކަށް ގެންނަ ރިޔާސީ އަމުރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފިއެވެ.

"ޒީރޯ ޓޮލެރެންސް" ކިޔާ އެސިޔާސަތުގެ ދަށުން އެމެރިކާއަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށްޓަކައި އެމީހުން ހައްޔަރު ކުރެއެވެ. ނަމަވެސް ކުޑަކުދިން ހައްޔަރުކޮށް ޖަލަށް ނުލެވޭތީ، އެކުދިން ބައިތިއްބަނީ ޑިޕާޓްމެންޓު އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްގެ ބެލުމުގެ ދަށުގައެވެ.

އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ވިދާޅުވި ގޮތުގައި އެސިޔާސަތުގެ ދަށުން، މިދިޔަ މަހުން ފެށިގެން 2،342 ކުޑަކުދިން ވަނީ 2،206 އާއިލާއަކާ ވަކިކޮށްފައެވެ. އޭގެ ސަބަބުން ޓްރަމްޕްގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައެވެ.

އެމެރިކާއަށް ގަވާއިދާ ހިލާފަށް އެތެރެވާ އާއިލާތަކުގެ ކުޑަކުދިން ވަކިކޮށް، ފެންސު ޖަހާފައިވާ 'ކޮށިތަކަށް' ލާފައި -- ފޮޓޯ: އޭއެފްޕީ

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެސިޔާސަތު ނިމުމަކަށް ގެނައުމަށް ނިންމެވީ "ކުޑަކުދިން އެކުދިންގެ އާއިލާތަކާ ވަކިވާ މަންޒަރު ދެކިލައްވަން ބޭނުންފުޅު ނުވާތީ" އެވެ. އަދި އެބަދަލު ގެންނެވި ނަމަވެސް ގައުމުގެ ބޯޑަރު އަދިވެސް ވަރަށް ވަރުގަދަ ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އެސިޔާސަތަކީ ރިޔާސީ އަމުރަކުން ހުއްޓުވޭނެ ސިޔާސަތެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ ހަމައެކަނި ގާނޫނު ހަދާ މަޖިލީހުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އާއިލާތައް ވަކިކޮށްފައިވާ ކުޑަކުދިން، ފެންސު ޖަހާފައިވާ 'ކޮށިތަކުގައި' ތިބި މަންޒަރު ފެންނަ ފޮޓޯތައް އާއްމުވުމާ ގުޅިގެން އެސިޔާސަތު ނިމުމަކަށް ގެނައުމަށް ޓްރަމްޕަށް ޕްރެޝަރު ކުރެއްވި ފަރާތްތަކުގެ ތެރޭގައި އަނބިކަނބަލުން މެލާނިއާ އާއި ދަރިކަނބަލުން އިވަންކާވެސް ހިމެނެއެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް