ވެރިކަމުގައި ހުންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަތް ދެވަނަ ކަނބަލަކަށް ނިއުޒިލެންޑުގެ ބޮޑުވަޒީރު

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާންއަށް ވަނީ ދަރިކަނބަލަކު ލިބިވަޑައިގެންފައި -- ފޮޓޯ: އިންސްޓަގްރާމް

ވެލިންޓަން (ޖޫން 21): ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އާއި ލޯބިވެރިޔާ ކްލާކް ގޭފޯޑަށް ދަރިކަނބަލަކު ލިބިލައްވައިފި އެވެ.

ބޮޑުވަޒީރު އާޑާން ވަނީ ދަރިކަނބަލަކު ލިބިވަޑައިގަތްކަން މިއަދު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އިއުލާން ކުރައްވައި، ބަރުދަނުގައި 3.31 ކިލޯ ހުރި އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން ބޮޑުވަޒީރު އާޑާން ވަނީ ވެރިކަމުގައި ހުންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަތް ދެ ވަނަ އިންތިހާބީ، އަންހެން ލީޑަރަށް ވެވަޑައިގެންފައި އެވެ. މީގެ ކުރިން 1990 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަށް ވަނީ ވެރިކަމުގައި ހުންނަވަނިކޮށް ދަރިކަނބަލަކު ލިބިވަޑައިގެންފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެރިކަމަށް ވަޑައިގެންނެވި އާޑާން ބަލިވެއިންނެވިކަން ހާމަ ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އަދި އާޑާން ވަނީ އޭނާ މެޓާނިޓީ ލީވްގެ ގޮތުގައި ނަންގަވާނީ ހަ ހަފްތާ ކަމަށާއި އެދުވަސްތަކުގައި ބޮޑުވަޒީރުގެ ޒިންމާތައް އަދާ ކުރައްވާނީ ބޮޑުވަޒީރުގެ ނައިބު، ވިންސްޓަން ޕީޓާސް ކަމަށް ވިދާޅުވެފަ އެވެ.

ނިއު ޒީލޭންޑުގެ ވެރިކަމަށް ވަޑައިގެންނެވި ތިން ވަނަ އަންހެން ބޭފުޅާއަށް ވުމުގެ އިތުރުން، ބޮޑުވަޒީރު ޖަސިންދާ އަކީ 1856 ވަނަ އަހަރުގެ ފަހުން އެގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާ އެވެ. (ބީބީސީ)

comment ކޮމެންޓް