އުމުރުން އެންމެ ދެ މަސް، ބޮޑު ވޭނެއް ތަހައްމަލުކުރަން ޖެހިފައި!

ހޫދު އަބްދުﷲ ސަނީ--- ފޮޓޯ/ އާއިލާ

ދަރިންނަކީ މާތްﷲ ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. ދަރިއަކު ލިބެން އުޅޭ ކަމުގެ ޚަބަރު ލިބުމާއެކު ކެނޑިނޭޅި އިންތިޒާރުކުރެވޭނީ އެ މައުސޫމް ފުރާނަ ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ. ނަމަވެސް ކޮންމެ ކުއްޖަކީ އެންމެ ފުރިހަމަ ސިއްހަތެއްގައި އުފަންވާނެ ކުއްޖެއް ނޫން ކަމަށް ގަބޫލުކުރަން ޖެހެއެވެ. އުފެދުމުގައި ކުއްޖާގެ ހުންނަ އުނި ކަމެއްގެ ސަބަބުން ގިނަ މަސައްކަތްތަކެއް ކޮށް އެ ކުއްޖާ އާންމު ހާލަތަށް ގެނައުމަށް މައިންބަފައިން އިސް ރޯލެއް އަދާކުރާނެއެވެ.

އއ. ތޮއްޑުއަށް އުފަން ހޫދު އަބްދުﷲ ސަނީ އަކީ އުފެދުމުގައި ޔޫރިން ބްލެޑާ ބޭރުގައި އުފެދިފައިވާ، މައުސޫމް ފުރާނަ އެކެވެ. އުމުރުން އެންމެ ދެ މަހުގެ ހޫދު ތަހައްމަލު ކުރަމުން ދަނީ ވަރަށް ވޭން ހުރި ކަމެކެވެ.

ހޫދުގެ ބަލި ހާލަތާ ގުޅޭ ގޮތުން ސަން ކުލުނަށް މައުލޫމާތު ދެމުން ހޫދުގެ ބައްޕަ އަބްދުﷲ ސަނީ ބުނީ ބްލެޑާ އާ އެއްކޮށް ހޫދުގެ ޖިންސީ ގުނަވަން އުފެދިފައި ވުމުގެ ސަބަބުން ރަނގަޅަށް އެ ގުނަވަން އުފެދިފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް ހޫދުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބްލެޑާ އެތެރެއަށް ވައްދަން އޮޕަރޭޝަން ކުރީ. އެކަމަކު އަދި ވެސް މުޅިން ރަނގަޅެއް ނުވޭ. ޑަކްޓަރުން ބުނަނީ އުފެދުމުގައި ކަށިތައް އުފެދިފައި ހުރި ގޮތުންނޭ އެހެންވެފައި އެހުރީ،" ސަނީ ބުންޏެވެ.

ސަނީ ބުނީ ހޫދަށް ތިން މަސް ވާއިރަށް އޮޕަރޭޝަނެއް ކުރުމަށް ޑަކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އަންނަ މަހު ހޫދަށް ތިން މަސް ވާނެ ކަމަށާއި އިންޑިއާގެ ކޮޗިން އަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަނީ ބުންޏެވެ.

އިންޑިއާއަށް ގޮސް ބްލެޑާ އެތެރެއަށް ވެއްދުމަށް އޮޕަރޭޝަނެއް ކުރާނެ ކަމަށާއި އޭގެ އިތުރުން ވެސް ދަރިފުޅަށް އެކި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަނީ ބުންޏެވެ.

ހޫދު ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ޑަކްޓަރުން ދީފައިވާ ކަމަށް ސަނީ ބުންޏެވެ.

"އަޅުގަނޑު ބޭނުން އެހެން ކުދިންހެން ދަރިފުޅު އުޅެން. ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އިހްސާސްވޭ ދަރިފުޅަށް އަޅާ ވޭން. އަދި އެއީ އެންމެ ދެ މަހުގެ ކުއްޖެއް،" ސަނީ ސަން ކުލުނު އަށް ބުންޏެވެ.

ދަރިފުޅުގެ ބޮޑު އޮޕަރޭޝަނަށް އަންނަ މަހު ފުރަން ޖެހުނު ނަމަވެސް އެކޮޅުގައި އެއް މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހެއެވެ.

"ހުރިހާ ފަރުވާތަކެއް ކޮށްގެން ވެސް ބޭނުން އަޅުގަނޑުގެ ދަރިފުޅު ރަނގަޅު ކުރަން. އެކި ސްޓޭޖުތަކުގައި ތިން އޮޕަރޭޝަނެއް ކުރުމަށް ޑަކްޓަރު ވަނީ އަންގާފައި،"

އިންއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްވަރެކެވެ. ދަރިފުޅަށް ފަރުވާ ހޯދުމުގެ އިތުރުން އެކޮޅުގައި ހޭދަވާނެ ދުވަސްވަރަކީ ހޫދުގެ އާންމު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވެސް ފައިސާ ބޭނުންވާނެއެވެ. އޮޕަރޭޝަނާ އެކީ އެހެނިހެން ކުދި ފަރުވާ ހޯދުމަށް ވެސް ފައިސާ ބޭނުންވާނެއެވެ. ހޫދު އަށް އިތުރު ފަރުވާ ކުރެވޭނީ ތިބޭފުޅުންގެ އެހީ އާ އެކީގައެވެ.

ސަނީ އެދެނީ އޭނާގެ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ އޭނާގެ ތުއްތު ދަރިފުޅު ހޫދަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ. އަދި ހެޔޮ ދުޢާކޮށްދިނުމަށެވެ.

ހޫދު އަބްދުﷲ ސަނީއަށް އެހީތެރިވުމަށް

ފޯނު ނަންބަރު: ‎9122029 (އަބްދުﷲ ސަނީ/ ހޫދުގެ ބައްޕަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7703233477001 (އަބްދުﷲ ސަނީ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް