ބުރުނު ޕްރޮގްރާމް: އިސްލާހުނުވި ދަރިވަރުންގެ އަޚްލާގަށް ހެޔޮ ބަދަލެއް ގެނެވިދާނެބާ؟

ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުންތަކެއް---ފޮޓޯ: ޓުވިޓާ

މިއީ އަބަދުހެން އިވޭ ވާހަކަ އެކެވެ. ސްކޫލު ކުދިންގެ އަޚްލާޤު ގޯސްވާހަކަ އެވެ. ދަރިވަރުން "މައިތިރި ކުރުމަށް" އަދަބު ދޭ ވާހަކަ އެވެ. ދަރިވަރު ކޮޅަށް ނަގާފަ ބެހެއްޓުމާއި، ކްލާހުން ބޭރަށް ލުމާއި އަދި އެވަރުން ވެސް ހަމައަކަށް ނޭޅިއްޖެ ނަމަ ސްކޫލަށް ނާދެވޭ ގޮތަށް ސަސްޕެންޑް ކުރާ ވާހަކަ އެވެ. ސްކޫލުގެ ނަޒަރުގައި މިއީ ދަރިވަރަށް ދެވުނު "ފިލާވަޅެކެވެ." ދަރިވަރުގެ ނަޒަރު އަދި މުޅިން ތަފާތެވެ. އަދަބުދީގެން ދަރިވަރު އިސްލާހުވާ ނަމަ ތަކުރާރުކޮށް އަދަބުދީގެން ވެސް ނަތީޖާއެއް ނުނެރެވެނީ ކީއްވާ ބާވައެވެ؟

އަދަބު ދީގެން ކުޑަކުދިން ހަމަޔަކަށް އެޅުވުން ޒަމާނާ އެކު މިވަނީ ބަދަލުވެފަ އެވެ. އޭރާއި މިހާރު ވަރަށް ތަފާތެވެ. އެކަން ކުދިން ބޮޑެތި ކުރުމުގައި ބެލެނިވެރިންގެ ކިބައިން ވެސް ފެނެ އެވެ. އެންމެ ކުދިކުދި ކަންތައްތަކާ ބެލެނިވެރިން އަތް އިސްކުރި ޒަމާން ފާއިތުވެ ހިނގައްޖެ އެވެ. މިހާރު އަތް އިސްކުރަން ބެލެނިވެރިން ވެސް ޖެހިލުންވެ އެވެ. ވާހަކަ ދައްކައިގެން ވެސް ނޫނީ އެނޫން ވެސް އެކި ގޮތްގޮތުން ކުއްޖާގެ އުޅުން ބަދަލުވެދާނެކަން ބެލެނިވެރިޔާއަށް މިއަދު ވިސްނެ އެވެ.

ސްކޫލުތަކުގައި ދަރިވަރުންނަށްދޭ އަދަބުތަކާ މެދު ބަހުސްކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެކު ތައުލީމީ ސިޔާސަތުތައް އެންމެ ޒަމާނަށް އެކަށީގެންވާގޮތަށް ބައްޓަންކުރުމަކީ މިހާރުގެ އެޑިއުކޭޝަން މިނިސްޓްރީން އެންމެ އިސްކަންދޭ އެެއް ކަމަށެވެ.

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ އެކި ކަންކަމުގައި ހުންނަ ސުލޫކީ މިންގަނޑުތަކާ މެދު ހިޔާލުތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހިންގާ "އުފާ ޕްރޮގްރާމުން" 2014 ވަނަ އަހަރު އެކަން ބަދަލުކުރުމަށް އަތުކުރި އޮޅާލި އެވެ.

އޭރު ސްކޫލު ކުދިންނަށް ދެމުން އައީ އެންމެ އެކަށީގެން ނުވާ އަދި މާ ހަރުކަށި އަދަބުތަކެއް ކަމަށް އުފާ ޕްރޮގްރާމުން ބުންޏެވެ.

މިއީ ''ބުރުނު''ގެ ވާހަކަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ދަރިވަރުންގެ އަޚްލާގަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ގޮތުން އާ ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީއެއް ''ބުރުނު"ގެ ނަމުގައި އެކުލަވާލައި އެޕޮލިސީ މި އަހަރު ފެބްރުއަރީ މަހު ސްކޫލުތަކަށް ތައާރަފްކޮށްފަ އެވެ.

''ސްކޫލުގައި އުޅޭ ފުރާވަރުގެ ކުދިންނަށް އެކިއެކި ކަންތައްތަކާ ދިމާވޭ. އެކަމަކު ބުރުނު ނަކަތުގެ މާނާގައި ބުނާހެން މިއީ ވައިގަދަވެފައި ކަނޑުގަދަވެފައި ދެން ކާމްނަސް ( މަޑުވާނެ) އޭ މަޑުމަޑުން. އަޅުގަނޑުމެން ބުނަން މިއުޅޭ އެއްޗަކީ ކުދިންގެ ވެސް މިކަލަ ކަންތައްތައް ވެސް ހައްލުވެގެން ދާނެޔޭ. އަޅުގަނޑުމެންގެ ސަޕޯޓޭ ހަމަ ބޭނުންވަނީ،" އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އުފާ ޕްރޮގްރާމުން ސޯފިޔާ ރަޝީދު ވިދާޅުވި އެވެ.

ބުރުނު ޕްރޮގްރާމަށް އުފާ ޕްރޮގްރާމަށް ތައްޔާރުކުރި ވީޑިއޯއެެއްގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

ސޯފިޔާ ވިދާޅުވީ އެ ޕޮލިސީ އެކުލަވާލީ ދުނިޔޭގެ އެހެނިގެން ގައުމުތަކުގެ ސްކޫލުތަކުގައި ވެސް ގެންގުޅެމުން އަންނަ ބެސްޓް ޕްރެކްޓިސްތަކަށް ރިއާޔަތްކޮށް ކަމަށެވެ. ޕޮލިސީ އެކުލާވާލުގައި ބުރުނު ޕްރޮގްރާމަށް، ޔުނިސެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަދަބު ދިނުން ދޫކޮށްލައި މައްސަލަ ހައްލުކުރުމާ ދިމާލަށް!

ސްކޫލު ކުދިން ހާއްސަކޮށް ފުރާވަރުގެ އުމުރުގެ ދަރިވަރުންގެ މެދުގައި އެކި މައްސަލަތައް ނެތުމަކީ ނާދިރުކަމެކެވެ. ހާއްސަކޮށް މިއުމުރަކީ ދަރިވަރުން މުޅިން އާ ދުނިޔައެކަށް ހޭލާ ދުވަސްވަރު ވެސް މެ އެވެ. ފުރާވަރުގެ އިތުރުން އެންމެ ދަށް ގްރޭޑްތަކަކީ ވެސް ވަރަށް ހަލަނި ދުވަސްވަރެކެވެ. ކުޑަކުދިން ވިސްނާނީ ކުޑަކުދިންގެ ވިސްނުމުގެ ބީދައިންނެވެ. ނަމަވެސް ކުޑަކުދިންނޭ ކިޔާފައި އެެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ވެސް، ކަންކަން ބޮއްސުންލައިގެން ދިޔުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެ އެވެ.

"މީގެ ކުރިން ދޭ އަދަބުތަކުގެ ސަބަބުން، ކުއްޖާ ލަދުގަނެ ކުއްޖާ އިތުރަށް ދެރަވެ އެކަން ރަނގަޅު ކުރާކަށް ފުރުސަތެއް ނުދެވޭ. އެހެންނަމަވެސް އެވަގުތު އޭނާ ފަލީހަތްވާކަލަ ކަންތައްތައް މިކުރެވެނީ. އެހެންވެ މިހާރު އަޅުގަނޑުމެން ތައްޔާރުކުރި ޕޮލިސީގައި އަޅުގަނޑުމެން އެބަ ވަރަށް ބަލަން ކުދިންގެ މައުސޫމުކަން ނުގެއްލޭ ފަދަ ގޮތަކަށް ފިޔަވަޅު އަޅަން. އަޅާ ފިޔަވަޅު އެބަ ވާން ޖޭހޭ އެކަން ތަކުރާރުނުވާނެ ފިޔަވަަޅަކަށް،" ސޯފިޔާ ވިދާޅުވި އެވެ.

ބޮޑެތި މީހުންނެކޭ އެއްފަދައިން ދަރިވަރުންގެ މެދުގައި ވެސް އެންމެ ބޮޑަށް ޖެހެނީ ދޭދޭ ގުޅުންތަކުގައި އާންމުކޮށް ދިމާވާ މައްސަލަތަކެވެ. އެގޮތުން ރުޅި ކޮންޓްރޯލް ނުކުރެވުން، ޒާތީ ތަފާތު މައްސަލަތަކާއި އެއް ދަރިވަރެއްގެ އެއްޗެއްގައި އަތް ލުމަކީ އަބަދުހެން ތަކުރާރުވަމުންދާ މައްސަލަތަކެވެ. މިއީ އާދަޔާ ހިލާފުކަންތައްތަކެއް ނޫނެވެ.

ބުރުނު ޕޮލިސީއަށް އަހުުލުވެރިކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ސެޝަނެއްގެ ތެރެއިން--ފޮޓޯ: ޓުވިޓާ

ސޯފިޔާ ވިދާޅުވީ އެފަދާ އާންމު މައްސަލަތައް ހައްލުކުރާނެ ގޮތް ދަރިވަރުންނަށް ކިޔައިދީ، ދަރިވަރުން އެކަކު އަނެކަކާ މުއާމަލާތް ކުރާނެ ގޮތާ ބެހޭ ގޮތުން ބުރުނުގައި ވަރަށް ބޮޑަށް އަލިއަޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ރުޅި ކޮންޓްރޯލް ނުވެގެން އުޅޭ ކުއްޖާއަށް ރުޅި ކޮންޓްރޯލް ކުރާނެ ގޮތުގެ ސެޝަންތައް ނަަގައިދިނުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ޓީޗަރުގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބުރުނު ޕޮލިސީގައި ބޮޑެތި ކުށްތައް ކުރާ ކުދިންނަށް ވެސް އެ ދަރިވަރުންގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަން ދަސްކޮށްދޭނެ ފަދަ ގޮތަކަށް ޕޮލިސީ ވަނީ ބައްޓަން ކޮށްފަ އެވެ. އެގޮތުން ކުރިން ދެމުން އައި ސަސްޕެންޝަން ފަދަ އަދަބުތަކުގެ ބަދަލުގައި އޭނާ ލައްވައި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންތައްތައް ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ސޯފިޔާ ވިދާޅުވީ އެ ފަދަ ''ކޮމިޔުނިޓީ ސާވިސް''ތައް ކުރިއަށް ގެންދާއިރު ވެސް އަމާޒަކީ ދަރިވަރު ލަދުނުގަންނާނެ ފަދަ މަސައްކަތްތަކެއް ކުރުވުން ކަމަށެވެ.

''ކުދިންނަށް ކުރެވޭ ނުރަނގަޅު ކަންތައްތައް، ރަނގަޅުކަންތައްތައް ކުރަން ދިން ވަރަކަށް ޖަމާއަތުގެ ހަމަޖެހުމާ އެ ކަންތައްތައް އަލުން އަނބުރާ އަންނާނީ. އެހެންވީމާ އެކަހަލަ ފުރުސަތުތަކެއް މި ލިބެނީ،'' ސޯފިޔާ ވިދާޅުވި އެވެ.

އާ ޕޮލިސީގެ މައި ތަނބަކީ ދަރިވަރާ މައިންބަފައިންނާ ޓީޗަރުންނާ އޮންނަ ގުޅުން

އާ ޕޮލިސީގައި ދަރިވަރާއި ޓީޗަރާއި އަދި ބެލެނިވެރިޔާ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ވަނީ ވަރަށް ބޮޑަށް އިސްކަންދީފަ އެވެ. ތެދެކެވެ. ބެލެނިވެރިންނަށް ފަހު ދަރިވަރުންގެ ދެން ތިބި ބެލެނިވެރިންނަށް ތިބީ ވެސް ހަމަ ޓީޗަރުންނެެވެ. މި ދެފަރާތަކީ ވެސް ދަރިވަރުގެ އަހުލާގު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ފަރާތެވެ.

''ދެން ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާ އެެއްޗެއް ކުދިންނާ ގުޅިގެން އުޅޭ ޓީޗަރުންނާ ކުދިން ވެސް އުޅޭނީ ގުޅިގެން. ދެން ޓީޗަރުން ބުނާ ބަސް އަޑުއަހައި، ދެ ފަރާތުގެ ގުޅުން ރަނގަޅުކަމުގައި ވާނަމަ މައްސަލަތައް ދިމާވުން ކުޑަވޭ. އެއީ އަޅުގަނޑުމެން ޕްރޮމޯޓް ކުރާ އެއްޗަކީ. ޓީޗަރާއި ދަރިވަރުގެ ގުޅުން އެބަ ބަދަހިވާން ޖެހޭ،'' ސޯފިޔާ ވިދާޅުވި އެވެ.

ބުރުނު ޕޮލިސީއަށް އަހުުލުވެރިކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ސެޝަނެއްގެ ތެރެއިން--ފޮޓޯ: ޓުވިޓާ

ސޯފިޔާ ވީދާޅުވީ ޓީޗަރުންނާއި ދަރިވަރުގެ ގުޅުން ރަނގަޅުކުރުމުގެ ގޮތުން ޓީޗަރުން ވެސް ދަރިވަރުންނަށް އިހުތިރާމާ އެކު މުހާތަބުކޮށް، ކުދިންނަށް އިހްތިރާމް ކުރުމަށް ބުރުނުގައި ބާރު އަޅާފައިވާ ކަމަށެވެ.

"ޓީޗަރުން ދަރިވަރުންނަށް ދިން އިހްތިރާމެއް ދެއްތޯ ދަރިވަރުން ވެސް ޓީޗަރުންނަށް ދޭނީ،'' ސޯފިޔާ ވިދާޅުވި އެވެ.

ޓީޗަރުންނަކީ ދަރިވަރުންނަށް ނަމޫނާބައެއްގެ ގޮތުގައި އަބަދު ވެސް ދެމިއޮތުމަށް އާ ޕޮލިސީގައި ވަރަށް ބޮޑަށް ވަނީ އިސްކަންދީފަ އެވެ.

އާ ޕޮލިސީގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދަރިވަރުންގެ މައްސަލަތައް ހައްލުކުރުމުގައި ބެލެނިވެރިންނަށް ވެސް މުހިންމު ދައުރެއް ދީފައި އޮތް އޮތުމެވެ. ގިނަ ފަހަރު ދަރިވަރުގެ އަޚްލާޤު ގޯސްވުމުގައި ގޭތެރޭގެ މާހައުލު ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. އާ ޕޮލިސީގެ ދަށުން ކުދިންގެ އަޚްލާޤު ހަމަޔަކަށް އެޅުވުމަށް ޓީޗަރުން ބެލެނިވެރިޔާއާ ގުޅިގެން ގޭތެރޭގެ ހާލަތު ބަލައި ކަންކަން ރަނގަޅުކުރުމަށް އެހީތެރިކަން ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބުރުނުން ބޮޑެތި މައްސަލަތައް ހައްލުކުރެވިދާނެވާ؟

ދަރިވަރުންގެ މެދުގައި އާންމުކޮށް ޖެހޭ ކުދިކުދި މައްސަލަތައް އެއްފަރާތްކުރުމަށް ފަހު ބޮޑެތި މައްސަލަތަކާ ދިމާލަށް "ކަޅި" ދިއްކޮށްފި ނަމަ ކިތަންމެ މައްސަލައެއް ނެގިދާނެ އެވެ. ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާއިން ސްކޫލުތަކުގެ ދަރިވަރުން ވަކި އިސްތިސްނާއެއް ނުވެ އެވެ. ޑްރަގްގެ އިތުރުން އަންހެން ދަރިވަރުންނާ ފިރިހެން ދަރިވަރުންގެ ދެމެދުގައި ހިނގާ "ނޭދެވޭ" ގުޅުންތަކުގެ މައްސަލަތަކަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލަތަކެެކެވެ.

ސްކޫލުތަކުގައި އުޅޭ ދަރިވަރުން މާރާމާރީ ހިންގުން ފަދަ ކަންތައްތަކަކީ ވެސް ވަރަށް ސީރިއަސް މައްސަލަ ތަކެކެވެ. ދާދި ފަހުން ދަރިވަރަކު ސްކޫލެއްގެ ޓީޗަރަކަށް ބިރުދެއްކުމުގެ ސަބަބުން ޓީޗަރު ރާއްޖެ ދޫކޮށް ދިޔަ ހާދިސާއަކީ ވެސް ގިނަ ބަޔަކަށް ސިހުން ލިބުނު ހާދިސާއެކެވެ. އަދި މިދާކަށް ދުވަހު ފުވައްމުލަކު ސްކޫލުގައި ދަރިވަރުންގެ ''ސަކަރާތްގަނޑު'' ހައްދުން ނައްޓައިގެން ހިނގި ހާދިސާއެއްގައި ދަރިވަރެއްގެ އަތުގެ ނާރެއް ބުރިވެގެން ދިޔަކަން ހަނދާން އެބަހުރިހެއްޔެވެ؟ މިއީ މުޅިން ވެސް ދަރިވަރުންނަށް ސްކޫލުތަކަކީ ކިހާ ރައްކާތެރިތަނެއްކަމާ މެދު ސުވާލު އުފެދުނު ހާދިސާތަކެކެވެ.

https://sun.mv/106253

ތެދެކެވެ. ފުވައްމުލަކު ސްކޫލުގައި ހިނގި ހާދިސާއަކީ ފުރާވަރުގެ ލާނެއް ކުދިންކޮޅެއް ކޮއްލި ސަމާސާއެއް ވިހަވުމުގެ ނަތީޖާ އެވެ. މިއީ ރާވައިގެން ގަސްދުގައި ކުރި ކަމެއް ނޫނެވެ. އެފަދަ މައްސަލަތައް ވާހަކަ ދައްކައިގެން ސެޝަންތައް ނަގައިގެން ހައްލުކުރެވިދާނެ އެވެ. ނަަމަވެސް މަސްތުވާތަކެތި ފަދަ ބޮޑެތި މައްސަލަތައް ބުރުނުގެ ތެރެއިން ހައްލުވެދާނެތޯ ހަމަ ސުވާލު އުފެދެ އެވެ. އަދި އެ ފަދަ މައްސަލަތަކަކީ ރާއްޖޭގެ ހެދިފައިވާ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ މައްސަލަތަކަކަށް ވާތީ އާ ޕޮލިސީގެ ދަށުން ކުރެވޭނީ ކީއްތޯ ވެސް ސުވާލު އުފެދެ އެވެ.

''އެފަދަ މައްސަލަތަކުގައި ރާއްޖޭގައި މިހާރު ހެދިފައިވާ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅިގެން ދާނެ. ދެން މިހާރު އަޅުގަނޑުމެންގެ ސްޓޭންޑަކީ އެ ކުދިން ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކުދިންނަށް ލިބެން ޖެހޭ ތައުލީމު ލިބެން ވާނެޔޭ. ދެން އެޅޭ ފިޔަވަޅެއްގެ ތެރެއިން އޭނާ ގޭބަންދުކުރީ. އެކަމަކު ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން އޭނާއަށް ތައުލީމް ދެވޭތޯ،'' ސޯފިޔާ ވިދާޅުވި އެވެ.

ސޯފިޔާ ވިދާޅުވީ "ބުރުނު'' ޕޮލިސީގެ ގައިޑްލައިންތައް މިހާރު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ސްކޫލުތަކަކުން ވެސް އެ ޕޮލިސީއަށް އަމަލުކުރަން ފަށާފައިވާކަމަށް ވެސް ސޯފިޔާ ވިދާޅުވި އެވެ.

މިއީ ބަވަނަ ވަމުންދާ ދުނިޔޭގައި އެޑިއުކޭޝަން މިނިސްޓްރީން ނެންގެވި ރަނގަޅު ފިޔަވަޅެކެވެ. މިއަދުގެ ދަރިވަރުންނަކީ މާދަމާގެ ޒުވާނުން ކަމަށްވާއިރު، އެ ކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް އާ ވިސްނުމަކުން ވިސްނަން މިހާރު ކޮންމެހެންވެސް މުހިންމެވެ.

comment ކޮމެންޓް