އިންގްލެންޑް ޓީމުގެ ޗުއްޓީ ދުވަހު އަނިޔާވީ ކޯޗު ސައުތުގޭޓަށް!

ސައުތުގޭޓް ކޮނޑުހުޅުގައި ގާޑް އަޅާފައި --- ފޮޓޯ/ ސްކައި ނިއުސް

އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަތުން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންގްލެންޑް ޓީމުން ދެއްކި ކުޅުމާއެކު ކޯޗު ގެރެތު ސައުތުގޭޓް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި އިރު، އިއްޔެއަކީ ޓީމުގެ ކުޅުންތެރިންނަށް އޭނާ ދިން އޯފް ދުވަހެވެ.

ޗުއްޓީ ދުވަހުގައި ކުޅުންތެރިންނާއި މުޅި ޓީމަށް އަރާމުކުރުމަށް ދިނުމަށްފަހު ޖޮގިންގައި އުޅެނިކޮށް ކޯޗު ސައުގޭޓަށް އިއްޔެ ވަނީ އަނިޔާވެފައެވެ. ޖޮގިންގައި އުޅެނިކޮށް ކައްސާލައިގެން ވެއްޓި ސައުތުގޭޓްގެ ކޮނޑުހުޅު ވަނީ ނައްޓާލައިފައެވެ. ޓީމުގެ ޑޮކްޓަރު ރޮބް ޗަކްރަވަތީއާއެކު ހޮސްޕިޓަލަށް ގޮސް ސައުތުގޭޓް ފަރުވާ ހޯދައިފައިވާ އިރު، އަންނަ އާދީއްތަ ދުވަހު އިންގްލެންޑުން ޕެނަމާއާ ދެކޮޅަށް ނުކުންނަ މެޗުގައިވެސް ސައުތުގޭޓް ހުންނާނީ ކޮނޑުހުޅުގެ ގާޑް އަޅުވައިގެންނެވެ.

ސައުތުގޭޓަކީ ބަރާބަރަށް ޖޮގިންއަށްދާ ކޯޗެވެ. އިއްޔެގެ އަނިޔާއާ ގުޅިގެން ސަމާސާ ރާގަކަށް ވާހަކަ ދައްކަމުން ސައުތުގޭޓް ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ޓީމުން ޖަހާ އެއްވެސް ގޯލެއްގައި އޭނާއަށް އުފާފާޅުނުކުރެވޭނެ ކަމަށެވެ. އަދި ޓީމުގެ ހުރިހާ ސްޓާފުންނާއި ކުޅުންތެރިންވެސް އަރާމުކުރަން ދިން ދުވަހު އޭނާގެ އަނިޔާއާ ހުރެ މެޑިކަލް ޓީމު ހަރަކާތްތެރިވާން ޖެހުމުން އެކަމަށް ސައުތުގޭޓް ވަނީ މާފަށް އެދިފައެވެ.

ސައުތުގޭޓް ބުނެފައި ވަނީ އޭނާ އެންމެ ދެރަވީ 10 ކިލޯމީޓަރު، ރެކޯޑު ވަގުތެއްގައި ނިންމަން ދަނިކޮށް ވެއްޓުމުން ކަމަށެވެ. އަތަށް ފަރުވާ ކުރުމަށްފަހު ކުޅުންތެރިން ކުރިމައްޗަށް އެރުމުން ހުރިހާ ކުޅުންތެރިންނަށްވެސް ލިބުނީ ޝޮކެއް ކަމަށާއި، ހުރިހާ ކުޅުންތެރިން ވަކިވަކިން ކަންވީގޮތް އެހި ކަމަށްވެސް ސައުތުގޭޓް ބުނެފައިވެއެވެ.

comment ކޮމެންޓް