ރޮނާލްޑޯގެ ތުނބުޅި، މެސީއަށް ދިން އިޝާރާތެއް!

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ --- ފޮޓޯ/ އޭޕީ

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ލިއޮނަލް މެސީގެ ބަހުސަކީ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ބަހުސެވެ. ކްލަބު ލެވެލްގެ އިތުރުން ގައުމީ ޓީމާއެކު އެ ދެކުޅުންތެރިން ކުޅޭ ކުޅުންވެސް އެތަކެއް ބަޔަކު އަޅާ ކިޔައެވެ.

މެސީއާއި ރޮނާލްޑޯގެ ބަހުސުގަައި އެނަލިސްޓުންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުންވެސް ބޮޑެތި ދެބަސްވުންތަކަކަށްދާ އިރު، މީސް މީޑިއާގެ އެނަލިސްޓުންގެ ނިންމުން އަދި މާ ފުރިހަމަވާނެއެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން ކޮޅަށް ހެޓްރިކް ހެދި އިރު، މެސީ ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާއަށް ކުރިމަތިވީ މާޔޫސް ކަމެވެ. އައިސްލޭންޑާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު މެޗު އެއްވަރުވީ މެސީއަށް ލިބުނު ޕެނެލްޓީވެސް އޭނާ ނާކާމިޔާބުކޮށްލުމުންނެވެ.

"ގްރޭޓަސްޓް އޮފް އޯލް ޓައިމް (ގޯޓް)"ގެ ލަގަބު، ދެ ކުޅުންތެރިންގެ ސަޕޯޓަރުންވެސް އެ ކުޅުންތެރިއަކަށް އަރުވާ އިރު، މީގެ ދުވަސް ކޮޅެއް ކުރިން، އަސްލު ބަކައްޓަކާ (ގޯޓް)އެކު މެސީ ނަގައިފައިވާ ފޮޓޯ ޝޫޓެއް އާންމުވިއެވެ. ބައެއް މީހުން ބުނެފައި ވަނީ ރޮނާލްޑޯ މިފަހަރުގެ ވޯލްޑް ކަޕްގައި ދައްކާ މޮޅު ކުޅުމަށް އެ ފޮޓޯތަކުގެ ސަބަބުން އަސަރުކޮށްފައި ވާ ކަމަށެވެ.

ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ގޯލަށްފަހު ދަތްދޮޅި ދަށަަށް އަތް ލައްވާލާ ބަކައްޓެއް (ގޯޓް)ގެ އިޝާރާތް ކޮށްލިއެވެ. އެ އިޝާރާތާއެކު ގިނަ ބަޔަކު ބުނެފައި ވަނީ ރޮނާލްޑޯ މާނަ ކޮށްފައި ވަނީ އޭނާއަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ކަމަށެވެ.

ރޮނާލްޑޯގެ ދެވަނަ މެޗުގައި އިއްޔެ މޮރޮކޯއާ ދެކޮޅަށްވެސް ގޯލް ޖަހައި، ޕޯޗުގަލްއަށް ދެވަނަ ބުރުގެ ފުރުސަތު ފަހިކޮށްދީފައިވާ އިރު، އިއްޔެގެ މެޗަށް ރޮނާލްޑޯ ނުކުތީ ކުޑަ ތުނބުޅި ކޮޅަކާއެކުގައެވެ. އާއްމުކޮށް ރޮނާލްޑޯއަކީ ތުނބުޅި ބަހައްޓާ ކުޅުންތެރިއެއް ނޫން ކަމަށްވުމާއެކު އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ.

"ގޯޓީ" ސްޓައިލަށް ބެހެއްޓި ތުނބުޅިކޮޅުން ރޮނާލްޑޯ ބުނެދޭން ބޭނުން ވަނީ އޭނާއަކީ "ގޯޓް" ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮންމެއަކަސް ދެ ކުޅުންތެރިންވެސް ދުނިޔޭގެ ތާރީހީ މަގާމަކަށް ވާދަކުރާ އިރު، ރޮނާލްޑޯ މިހާތަނަށް ވޯލްޑް ކަޕްގައި ދެއްކި ކުޅުމާއެކު މެސީއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ހާއްސަކޮށް މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް މެސީ ކުޅޭ މެޗަށް އޭނާ ނުކުންނާނީ ބޮޑު ޕްރެޝަރެއްގައި ހުރެގެންނެވެ.

comment ކޮމެންޓް