އިދިކޮޅު ބަޔަކު އިސްވެ ތިބެ މާބައިދޫ ބަނދަރު މަސައްކަތް ހުއްޓުވައިފި

މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް އެރަށު ބަޔަކު ހަރަކާތްތެރިވަނީ--ފޮޓޯ/ ކިޔުންތެރިއެއް

އިދިކޮޅު ބަޔަކު އިސްވެ ތިބެ ލ. މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުންދާ އެ މަސައްކަތް ހުއްޓުވާފައި ވަނީ އެ ރަށުގެ އެމްޑީޕީ ކައުންސިލަރުން އިސްވެތިބެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަމުން ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެމްޑީޕީ ކައުންސިލަރުންނާއި އަދި އިތުރު 10 މީހަކު ވެގެން ބަނދަރުގެ މަސައްކަތް ކުރިއަށް ދިޔަ ނުދީ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ މަދު ބަޔަކު އެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް މެޖޯރިޓީ ރައްޔިތުން ތިބީ ވީހާ ވެސް އަވަހަކަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލުމަށް ބޭނުންވެފައި ކަމަށެވެ.

ލ. މާބައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ/އެމްޓީސީސީ

އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓްސް މެނޭޖަރު ރިޓަޔަޑް ކަމިޝަނާރު އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ ބަޔަކު ނުކުމެ އެ ރަށުގައި ކުރިއަށްދާ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. ހުޝާމް ވިދާޅުވީ އެ ކުންފުނިން މާބައިދޫ ބަނދަރުގެ މަސައްކަތް ކުރަން ގެންގޮސްފައިވާ އުޅަނދުތަކަށް އަރައި މަސައްކަތް ފެށިޔަ ނުދީ ހުރަސް އަޅާފައިވާ ކަމަށެވެ.

"މަސައްކަތް ހުއްޓުވި އިރު އަޅުގަނޑުމެން މިދިޔައީ ބޭރު ތޮށި ނިންމުމުގެ މަސައްކަތް ކުރަމުން. ނަމަވެސް މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން އެކަން މިވަގުތު އޮތީ ހުއްޓިފައި،" ހުޝާމް ވިދާޅުވި އެވެ.

މާބައިދޫ ބަނދަރުގެ މަސައްކަތް ހުއްޓުވާފައި ވަނީ އެ ބަނދަރުގައި ހަދާފައިވާ ނެރު އެހެން ދިމާއަކަށް ބަދަލު ކުރުމަށް ޑީމާންޑްކުރުމަށް ފަހު އެވެ.

ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ހުޅަނގު ފަރާތުގައި 210 މީޓަރު ދިގު އަދި 78 މީޓަރު ފުޅާ ބަނދަރެއް ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އަދި 275 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

https://sun.mv/106449

އާބާދީގައި 1108 މީހުން އުޅޭ މާބައިދޫގައި ހަދާ ބަނދަރަކީ ޖުމްލަ 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ބަނދަރެކެވެ.

comment ކޮމެންޓް