ސްޕެއިނަށް އިރާން ކައިރިން ސަލާމަތްވެވުނީ ކިރިޔާ!

ސްޕެއިންއާއި އިރާން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުގައި އިރާން ކައިރިން ސްޕެއިނުން ހަނި މޮޅެއް ހޯދައިފިއެވެ.

ރަަޝިއާގެ ކަޒާން އެރީނާގައި ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އިރާންގެ ފަރާތުން ސްޕެއިންގެ ޑިފެންސަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކޮށްފައިވެއެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ އުންމީދު ކުރި ކަހަލަ ކުޅުމެކެވެ. މިރޭގެ މެޗަށް ނުކުތް އިރުވެސް ގިނަ ބަޔަކު އުންމީދު ކުރީ އިރާނުން ސްޕެއިން ކައިރީ ޑިފެންސިވް ކުޅުމެއް ކުޅޭނެ ކަމަށެވެ. އަދި ސްޕެއިނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅޭނެ ކަމަށް ބެލެވުނެވެ. މެޗުގެ ފެށިގެން ފެނުނީވެސް އެ މަންޒަރެވެ.

ސްޕެއިނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން އިރާންގެ ޑިފެންސަށް ޕުޝްކުރި އިރު، އިރާނުން ކުޅުނީ ކައުންޓާ އެޓޭކިން ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ސްޕެއިންގެ ހަމަލާތަކެއް ފެނިގެން ދިޔައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސްގެ ހުރަހަކަށް ޑޭވިޑް ސިލްވާ ކުރިއަށް އަރާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތިންނެވެ.

އޭގެ އިރުކޮޅެއްގެ ފަހުން އިސްކޯގެ ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. އޭނާގެ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފް އެއްކޮށް ޑޮމިނޭޓްކޮށް ސްޕެއިން ކުޅުނު ނަމަވެސް އިރާންގެ ޑިފެންސް ފެނުނީ އޯގަނައިޒްކޮށް ކުޅެމުން ދިޔަތަނެވެ.

ސްޕެއިންއާއި އިރާން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައިވެސް ސްޕެއިނުން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު ނަމަވެސް އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ގޯލާ ދިމާލަށް ބޯޅަ ފޮނުވާނުލެވުނެވެ. ދެވަނަ ހާފްގެ ކުރީ ކޮޅުގައި ސާޖިއޯ ބުސްކަޓްސް ދުރުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވި ނަމަވެސް އެ ހަމަލާ އެއް އަތުން މަތަކުރީ އަލިރިޒާ ބޭރަންވާންޑެވެ. އެ ހަމަލާގެ ރީބައުންސަށް ލޫކަސް ވަޒްކުއޭޒް ކުރިއަށް ޖެހުނު ނަމަވެސް ބޯޅައާ ހަމައަށް އޭނާ ދިއުމުގެ ކުރިން އަނެއްކާވެސް އަލިރިޒާ އަތުން ޖަހައި ބޯޅަ ބޭރުކޮށްލިއެވެ.

އޭގެ ހަތަރު މިނެޓްފަހުން ސްޕެއިން ލީޑު ނެގިއެވެ. އަންދްރޭސް އިނިއެސްޓާ ދިން ބޯޅައަކަށް އީރާން އޭރިއާ ތެރެއަށް ވަދެ ޑިއޭގޯ ކޮސްޓާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އޭނާއަށްވެސް ނޭނގިއެވެ. އިރާންގެ ކުޅުންތެރިއާ ސާފް ކޮށްލަން ޖެހި ބޯޅަ ގޯލަށް ވަނީ ކޮސްޓާ ފައިގައި ޖެހިފައި ގޮހެވެ.

ސްޕެއިންއާއި އިރާން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސްޕެއިނުން ލީޑާއެކު ކުޅެމުން ދިޔަ ނަމަވެސް އިރާނުން ދިޔައީ ކުޑަކޮށް ކުރިއަށް ޖެހި ސްޕެއިންގެ ޑިފެންސަށް އުންދަގޫތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި ބޯޅަ ގޯލް ތެރެއަށް ވައްދާލައިފައެވެ. އެހެން ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އިރާންގެ ކުޅުންތެރިއާ ސައީދު އެޒޮތަލާހީ ބޯޅަ ފޮނުވާލި އިރު އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި ކަމަށެވެ.

އޭގެ ފަހުންވެސް ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ދިޔައެވެ. ސާޖިއޯ ރާމޯސްއަށް ލިބުނު ފުރުސަތު އިރާންގެ ޑިފެންޑަރު ބްލޮކް ކޮށްލި އިރު، އިރާންގެ މެހެދީ ތެހެރާމީ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

އޭގެ ފަހުންވެސް ތެހެރާމީގެ އިތުރުން ހަމަލާއެއް ފެނިގެންދިޔައެވެ. ސްޕެއިން އޭރިއާ ތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިކައިރިން މަތިންނެވެ.

ސްޕެއިންއާއި އިރާން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ ނަތީޖާއާއެކު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ސްޕެއިން އޮތީ ތާވަލުގެ ދެ ވަނައިގައެވެ. އެއްވަނައިގައި އޮތް ޕޯޗުގަލްއަށްވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. އެ ގްރޫޕްގައި ދެން ފުރުސަތު އޮތީ އިރާނާއި ސްޕެއިން އަދި ޕޯޗުގަލްއަށެވެ. ފަހު މެޗުގައި އިރާނުން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ އިރު، ސްޕެއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގައި މާދަމާ ކުޅެވޭ މެޗުތައް:

17:00 ޑެންމާކް - އޮސްޓެރޭލިއާ

20:00 ފްރާންސް - ޕެރޫ

23:00 އާޖެންޓީނާ - ކްރޮއޭޝިއާ

comment ކޮމެންޓް