ގޯލްޑް އެވޯޑްސް: އެންމެ މޮޅު އެކްޓަރަކަށް ޖެނިފާ

ޖެނިފާ ވިންގެޓް --

މިދިޔަ ހޯމަ ދުވަހުގެ ރޭ ނިމިގެން ދިޔަ ގޯލްޑް އެވޯޑްސް 2018ގެ އެންމެ މޮޅު ބަތަލާ (ކްރިޓިކްސް)ގެ އެވޯޑު، ޑްރާމާ "ބޭޕަނާ" އިން ޖެނިފާ ވިންގެޓް ހޯދައިފި އެވެ.

ޖެނިފާ އާއެކު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދީ ޑްރާމާ ސިލްސިލާ "ޝަކްތީ އަސްތިތުވާ ކޭ އެހްސާސް ކީ" އިން ވިވިއަން އެވެ.

އާންމުންގެ މެދުގައި އެންމެ މަގުބޫލު އެކްޓަރުގެ އެވޯޑު ލިބުނީ "އިޝަގްބާޒް" އިން ނަކުލް މެހެތާ އަށެވެ. އަދި އަހަރުގެ އެންމެ މޮޅު ހުށަހެޅުންތެރިއެއްގެ އެވޯޑު ގެންދިޔައީ އެ ޑްރާމާ އިން ސުރްބީ ޗަންދަނާ އެވެ.

އެންމެ މޮޅު ޑްރާމާގެ އެވޯޑު "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް ލިބުނު އިރު، އެންމެ ކަމުދާ ޖޯޑުގެ އެވޯޑު ލިބުނީ އެ ޑްރާމާ އިން ޝިވާންގީ ޖޯޝީ އަދި މޮހްސިން ޚާން އެވެ.

އެ ޑްރާމާ އަށް ވަނީ ހަފްލާގައި ގިނަ އެވޯޑުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ދެ އެވޯޑު ވެސް ލިބުނީ އެ ޑްރާމާ އިން ސަޗިން ތިޔާގީ އަދި ޕާރުލް ޗޯހަން އަށެވެ.

ހަފްލާގައި ދިން އެންމެ ސްޓައިލިޝް އެކްޓަރުގެ އެވޯޑު ގެންދިޔައީ ހީނާ ޚާން އެވެ. އަދި އަރަމުން އަންނަ ތަރީގެ އެވޯޑު ގެންދިޔައީ މިހާރު ބޮލީވުޑަށް ނުކުމެފައިވާ މޯނީ ރޯއީ އެވެ.

އަހަރުގެ އެންމެ މޮޅު ރިއަލިޓީ ޝޯގެ އެވޯޑު ލިބުނީ "ރައިޒިން ސްޓާ 2" އަށެވެ.

ގިނަ އަދަދެއްގެ ޓީވީ ފަންނާނުންނާ އެކު ކުރިއަށް ގެންދިޔަ ހަފްލާގައި ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ.

comment ކޮމެންޓް