ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން މިރޭ 10:30 ގެ ނިޔަލަށް

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޯޓާސް ލިސްޓަށް ޝަކުވާ ހުށެހެޅުމުގެ ފުރުސަތު މިރޭ 10:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓަށް މިހާތަނަށް 69 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ މީގެ ތެރޭގައި ހުރީ 18 އަހަރު ނުފުރޭ ކުޑަކުދިން ލިސްޓުގައި ހިމެނުމާ އަދި މަރުވެފައިވާ ފަރާތްތަކުގެ ޝަކުވާތައް ކަމަށެވެ.

ވޯޓާސް ލިސްޓު އާންމުކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ދިން އިރު މިހާތަނަށް އެއްވެސް ޕާޓީއަކުން ވޯޓާސް ލިސްޓާ މެދު އެެއްވެސް ޝަކުވާއެއް އީސީއަށް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސްއިން ބުނެއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭ އީސީން ޖަވާބުދާރީވާނެ ކަމަށާއި އަދި ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ޕާޓީތަކުން ހައިކޯޓަށް ދިޔުމުގެ ފުުރުސަތުވެސް އޮންނާނެ ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފައެވެ.

އަދި މި ޝަކުވާތަކަށްފަހު އިތުރު ލިސްޓެއް އަންނަ މަހުގެ އެއްވަނަ ދުވަހު ނެރޭނެ ކަމަށާއި އެ ލިސްޓުގައި މައްސަލައެއް އުޅޭނަމަ އަންނަ މަހުގެ ބާރަވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސްއިން ބުނެއެވެ. އަދި އެއަށްފަހު ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން ވަނީ ހިމަނައިފައެވެ.

އިލެކްޝަންސްއިން ބުނީ ވޯޓާސް ލިސްޓުގެ ފައިނަލް ލިސްޓް އާންމު ކުރާއިރު ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ބޭއްވުނު އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެވެސް ފުރިހަމަ ލިސްޓަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް