"3 އިޑިއަޓްސް"ގެ ސީކުއަލްގެ މަސައްކަތް ހިރާނީ ފަށައިފި

މީގެ ނުވަ އަހަރު ކުރިން ރިލީޒް ކުރި އާމިރު ޚާންގެ ކާމިޔާބު ފިލްމު "3 އިޑިއަޓްސް"ގެ ދެވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ބުނެފި އެވެ.

ހިރާނީގެ ކުރިއަށް އޮތް ފިލްމު "ސަންޖޫ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަަކަ ދައްކަމުން އޭނާ ބުނީ ފިލްމުގެ ދެވަނަ ބައެއް އުފައްދަން ވަރަށް ބޭނުންވާ ކަމަށެވެ.

އަދި މިހާރު ވާހަކަ ލިޔުންތެރިޔާ އަބީޖަތު ޖޯޝީ އާއެކު ފިލްމުގެ ސްކްރިޕްޓު ލިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހިރާނީ ބުންޏެވެ.

"އަދި ކިރިޔާ މަސައްކަތް ފެށުނީ ހަމަ. އަދި ފުދޭވަރަކަށް ވަގުތު ނަގާނެ ސްކްރިޕްޓު އެއްކޮށް ނިންމަން،" ހިރާނީ ބުންޏެވެ.

"ސަންޖޫ" ރިލީޒް ކުރުމަށް ފަހު ހިރާނީ ދެން އެންމެ އަވަހަށް ފަށާނީ "މުންނާ ބާއީ 3"ގެ މަސައްކަތެވެ. އެ ފިލްމުގެ ސްކްރިޕްޓު މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ.

އެހެންކަމުން "3 އިޑިއަޓްސް"ގެ ސީކުއަލްގެ މަސައްކަތް ފަށާނީ އެއަށް ފަހު އެވެ.

ހިރާނީގެ އިތުރުން ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔަ އާމިރު ޚާން އާއި ޝަރްމަން ޖޯޝީ އަދި އާރް، މާދަވަން ވެސް ވަނީ "3 އިޑިއަޓްސް"ގެ އިތުރު ފިލްމެއްގައި މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ އާމިރު ހާން، ޝަރްމަން ޖޯޝީ، ކަރީނާ ކަޕޫރު ޚާން، އާރު.މާދަވަން އަދި ބޯމަން އިރާނީ އެވެ. އެގާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް، 78 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

comment ކޮމެންޓް