އައްޑޫގައި ދިރިއުޅޭ މުސްކުޅިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ކުރަނީ

ތޮއްޑޫގެ މަގެއްގައި މީހަކު ބައިސްކަލަކައް އަރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްއިން ބުނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން ހިންގާ އެ ދިރާސާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކަމަށެވެ.

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ ކުރިއަށް ގެންދާ ސާވޭގައި މައުލޫމާތު އެއްކުރަން ހަމަޖެހިފައިވަނީ އެފަދަ ފަރާތްތައް ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްގެންނެވެ.

އަދި ދިރާސާއަށް އެއްކުރެވޭ މައުލޫމާތުގެ އަލީގައި އެފަދަ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރެވޭނެ މޮނިޓަރިން ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

އެގޮތުން އެ ދިރާސާގައި 1،500 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ހޯދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް