ޕްރޮފައިލެއް ޑިލީޓްކޮށްލި މައްސަލައިގައި ފޭސްބުކުން ޖަވާބުދާރީވާން ޖެހިއްޖެ

ފޭސްބުކް ޕްރޮފައިލެއް ޑިލީޓްކޮށްލި މައްސަލާގައި އެ ކުންފުނިން ޖަވާބުދާރީވާން ޖެހިއްޖެއެވެ.

ޖޭޒް މިއުޒީޝަނެއް ކަމަށްވާ މިރުޒާ ކުރުޕަލިޖާ މަރުވިތާ ހަ މަސް ފަހުން އެނާގެ ފޭސްބުކް ޕްރޮފައިލާއި އޭނާގެ ބޭންޑުގެ ޕްރޮފައިލް ފޭސްބުކުން ޑިލީޓްކުރީ ކީއްވެތޯ އިނގިރޭސި ހައިކޯޓުން ވަނީ ފޭސްބުކް އާ ސުވާލުކޮށްފައެވެ.

އޭނާގެ އަންހެނުން އަޒްރާ ސަބާޑޯޒް ބުނީ ފޭސްބުކްގައި އެދިގެން ފިރިމީހާގެ މައުލޫމާތު ޑިލީޓްކުރީ އާއިލާ މީހެއް ނޫނީ ރައްޓެއްސެއް ނޫންކަން ޔަގީންވާ ކަމަށެވެ. ނަމަވެސް އެކަން ކުރީ ކާކު އެދިގެންތޯ ފޭސްބުކް އިން އާއިލާ އާ ހިއްސާ ކޮށްފައެއް ނުވެއެވެ.

އަޒްރާ ބުނީ ފިރިމީހާ މަރުވި ނަމަވެސް ފިރިމީހާގެ ފޭސްބުކްގައި ވާ ފޮޓޯތަކާއި ޕޯސްޓްތަކަކީ ފިރިމީހާ އަބަދުވެސް ގާތުގައިވާކަން ހަނދާންކޮށްދޭ އެއްޗެހި ކަމަށެވެ. ކުއްލިއަކަށް މި އެއްޗެހި ގެއްލުމުން ހީވީ ހަށިގަނޑުން ބައެއް އުނިވިހެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލާގައި އަޒްރާ ވަނީ ފޭސްބުކް އާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އަޒްރާގެ ލޯޔަރުން ބުނީ ޖަވާބުދާރީވުމަށް ފޭސްބުކަށް 21 ދުވަސް ކޯޓުން ދީފައިވާކަމަށެވެ.

އަޒްރާ ބުނީ މީހެއްގެ ފޭސްބުކް ޑިލީޓްކޮށްލަން ފޭސްބުކަށް ކުރާ ރިކުއެސްޓް ތަކާމެދު ފޭސްބުކުން އަމަލުކުރަނީ ކިހިނެއްތޯވެސް ބަލަން ބޭނުންވާ ކަމަށެވެ. އޭނާ ބޭނުންވާ ކަމަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އަޒްރާ ވަނީ ބުނެފައެވެ.

comment ކޮމެންޓް