ގޭމުކުޅެން ދެވި ހިފުމަކީ ނަފްސާނީ މައްސަލައެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި

ގޭމިން ޑިސްއޯޑާ، ނޫނީ ގޭމު ކުޅެން ދެވި ހިފުމަކީ ނަފްސާނީ މައްސަލައެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

މި ނިންމުން ޑަބްލިއުއެޗްއޯ އިން ވަނީ އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިޒީސަސްގެ 11 ވަނަ އަދަދުގައި ހިމަނައިފައެވެ. މި ނިންމުން ނިންމެވި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރެއްކަމަށްވާ، ޑރ. ވޯލްޑިމިރް ޕޮޒްނަޔަކް ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ މީހުންގެ ދިރިއުޅުމަށާއި، ޓްރެންޑަށް އައިސްފައިވާ ބަދަލުަތަކަށްވެސް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް ސައިކޮލަޖިސްޓުންގެ ތެރެއިން ހުރިހާ ބޭފުޅުން، ގޭމިން ޑިސްއޯޑާ އަކީ އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިޒީސަސްގައި ހިމަނަންޖެހޭ ބައްޔެއްކަމަށް ގަބޫލެއް ނުކުރައްވައެވެ.

މި ބަލީގެ އަސަރުތަކުގެ ތެރޭގައި ހިމަނާފައިވަނީ ގޭމުކުޅެން ދެވިހިފުމުގެ ސަބަބުން އެހެން ކަންކަމަށް ދޭންޖެހޭ ސަމާލުކަމާއި ވަގުތު ނުދެވުމާއި ގޭމު ކުޅޭއިރު އެ ދަސްވާ ނޭދެވޭ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުން އަދި އާއިލާ އަށާއި ރައްޓެހިން، ވަޒީފާއަށް ސަމާލުކަން ނުދެވި ފަރުވާ ކުޑަކުރުމެވެ.

މީހެއްގެ ގައިގައި ގޭމިން ޑިސްއޯޑާ ހުރިކަމަށް ކަނޑައަޅާނީ މި އަސަރުތައް ފެންނަތާ 12 މަސް ވެފައިވާނަމައެވެ. އެއް ދުވަސް ނޫނީ ދެތިން މަހުން އެމީހާ އަކީ ގޭމުކުޅެން ދެވިހިފާފައި ހުރި މީހެއް ކަމަށް ކަނޑަނާޅާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ނަމަވެސް މި ބައްޔަށް ސީރިއަސް ފަރުވާއެއް ނޫނީ ކްލިނިކަލް ފަރުވާއެއް ހޯދުން އެހާ މުހިއްމު ނޫން ކަމަށާއި ކްލިނިކަލް ފަރުވާ ހޯދާނަމަ މީހާ މާބޮޑަށް ބަލިވެދާނެ ކަމަށް ސިއްހަތާ ބެހޭ މާހިރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް