ޖޭޕީގެ ހުދުމުހުތާރު ނިންމުމާ އެކު ކޯލީޝަން ރަތަށް!

ސިޔާސީ އިދިކޮޅު ހަތަރު ލީޑަރުން--

ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހީމާއި ޝެއިހް އިމްރާނަކީ މުޅިން ތަފާތު ސިޔާސީ ފިކުރުތަކެއް ގެންގުޅުއްވާ ހަތަރު ސިޔާސީ ލީޑަރުންކަން ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ. މި ހަތަރު ލީޑަރުންގެ ހިޔާލާއި ފިކުރު އެކައްޗަކަށް ވެދާނެތޯ އެއީ ކުރިން ވެސް ދިވެހިން ކުރަމުން އައި ސުވާލެކެވެ. ރިޔާސީ އިންތިހާބުގެ ކުރިން އެކަމަށް ޖަވާބެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ފަލްސަފާގެ ތެރެއިން އެމަނިކުފާނު ވެގެންގޮސްފައި ވަނީ ރާއްޖޭގައި އެންމެ ގިނައިން ކޯލީޝަންއެއްގެ ތެރެއިން މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރަށެވެ. ދެހާސް އަށް ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރުމަށް އެމަނިކުފާނު ނެންގެވީ ބޮޑު ފަޅި އެވެ. ޖެހިގެން އައި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ހަމަ އެހެންނެވެ. ނަމަވެސް ކޯލީޝަންގެ ތެރެއިން ކޮންމެވެސް ސަބަބަކާ ހުރެ އެމަނިކުފާނުގެ ޕާޓީ ގޮވައިގެން ބޭރަށް ނުކުމެވަޑައިގަންނަވަނީ އެވެ.

ގާސިމް މެޑިކާ ހޮސްޕިޓަލުގައި އޮންނެވި އިރު ކުރީގެ ރައީސް މައުމޫން ގާސިމްގެ ހާލު ބަލާލުމަށް ވަޑައިގެން --- ފޮޓޯ/ ސޯޝަލް މީޑިއާ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ ފަހަރެއްގެ މަތިން ގާސިމް ވަނީ އިދިކޮޅު އެމްޑީޕީ އަށް ބައިތު ހިތްޕަވައިފަ އެވެ. ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ މާލޭގައި އޭރު ބޭއްވި އެއްވުންތަކުގައި އެ ދެ ޕާޓީ އަދި ޖުމޫހުރީ ޕާޓީގެ ހިޔާގެ ދަށުން އަބަދުވެސް މަސައްކަތް ކުރާ އަދާލަތު ޕާޓީ ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ވަކި ހިސާބަކުން ގާނޫނު އަސާސީ ދިފާއު ކުރުން ވެސް ނިމުނީ އެވެ. އަލުން ގާސިމް ސަރުކާރާ އެއްކޮށް މަސައްކަތް ކުރައްވަން ފެއްޓެވީ އެވެ.

ރައީސް ޔާމީނާ އެކު މަސައްކަތް ކުރައްވަން ފެއްޓެވިތާ މާގިނަ ދުވަހެއްނުވެ އަނެއްކާ ވެސް އެމަނިކުފާނުގެ ހިޔާލު ބަދަލުވެ ސީދާ ހަރަކާތަށް ނުކުމެވަޑައިގަތީ ކަމަށް ވިދާޅުވެ އިދިކޮޅަށް ވަޑައިގަތީ އެވެ. މިފަހަރު ހަތަރު ކަފި ފިކުރުގެ ހަތަރު ލީޑަރުން އެކުގަ އެވެ. ވެރިކަން ބަދަލު ކުރަން ލައްކަ ގިނަ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް އެކަންވާ ގޮތްނުވެ ވެރިކަމާ މެދު ހަތަރު ބޭފުޅުން ވެސް ދެކެމުން އައި ހުވަފެން ކޯލީޝަން އުފެދުނު އެންމެ ބޮޑު މަގުސަދާއި އަރާރުންވެ އެންމެ ފަހުން ފުޅާ ކޯލީޝަން ނިމުމަކަށް އައީ އެވެ.

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް މަސަތްކަތް ކުރަމުން ދަނިކޮށް ކޯލީޝަންގައި ހިމެނޭ ރައީސް ނަޝީދު ވަނީ ދެންތިބި ބޭފުޅުންނަށް ގޮންޖެއްސެއްވުމަށް ފަހު އިންތިހާބުގައި އަމިއްލަ ޕާޓީގެ ޓީކެޓްގައި ވާދަކުރާނެ ކަމަށް ނިންވައި ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ. އެމަނިކުފާނަށް އައިސްފައިވާ ޖަލު ހުކުމަކީ އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަހަކަށްވާ އިރު އެކަމަށް ވެސް ފަރުވާލެއް ނެތި ފަހުން ގޮތެއް ފެންނާނެ ކަމަށް ބުނެ "ހުދުމުހުތާރު"ކަމާ އެކު ޕާޓީގެ ރިޔާސީ ޓިކެޓް ހިއްޕަވައިގެން ކެމްޕެއިން ކުރައްވަމުންދަނީ އެވެ. ހަތަރު ލީޑަރުން އެކުގައި ހަދާފައިވާ ކޯލީޝަނަށް ރައީސް ނަޝީދު ހަމަގައިމު ވެސް އިހުތިރާމް ކުރައްވާތައް ނުފެންނަ ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވި ނަމަވެސް އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދެނީ ގުޅިފައިވާ ޕާޓީތަކުން ކެނޑިޑޭޓަކު ނެރެންކަން އެ ޕާޓީގެ ބައެއް މީހުންގެ ވާހަކަފުޅުތަކުން ދޭހަވެ އެވެ. އަދި އެގޮތަށް މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ ފެނިގެންދިޔައީ އެމްޑީޕީއާ ނުލައި ގާސިމް އޭނާގެ ޖުމްހުރޫ ކޯލީޝަންގެ ހިޔަނި ސަރުކާރު އިއުލާން ކުރި މަންޒަރެވެ. ރައީސަކީ އެމަނިކުފާނެވެ. ނައިބު ރައީސްކަން މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށެވެ.

ގާސިމް ހިޔަނި ސަރުކާރު އިއުލާން ކުރެއްވީ އެހެން ބަޔަކާ މަޝްވަރާ ކުރުމެއް ނެތި

ކުއްލި އަކަށް އިއްޔެ ހަވީރު ގާސިމް އިއުލާން ކުރެއްވި ހިޔަނި ސަރުކާރުގައި ރައީސް މައުމޫނަށާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބޭފުޅުން ހިމަނާފައިވާ އިރު، އެމަނިކުފާނު ހުށައަޅާ ޝެޑޯ ކެބިނެޓް ހުށައަޅާ ނުނިމެނީސް ޖުމްހުރީ ކޯލިޝަނާ ގުޅޭނެ ކަމަށް ގާސިމް ވިދާޅުވި ދެ ފިކުރުން ވެސް ވަނީ އެ ގޮތަށް އެ ފަރާތްތަކުން ނިންމާފައިނުވާ ކަމަށް ބުނެފަ އެވެ.

އަދާލަތު ޕާޓީން އެކަމަށް ސާފުކޮށް އިންކާރު ކުރި އިރު ރައީސް މައުމޫން ފަރާތްޕުޅުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައި އެ ދެ ފިކުރުގެ ވިސްނުމަކީ އަދި ވެސް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޝެޑޯ ކެބިނެޓްގައި ހިމެނޭ ބައެއް ބޭފުޅުން ވެސް ވަނީ އެއީ އެއްވެސް ވަރަކަށް މަޝްވަރާކުރުމަކާ ނުލައި ގާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓެއް ކަމަށް ވިދާޅުވެފަ އެވެ.

ގާސިމްގެ ވިސްނުން މަތިބަރު ސަރުކާރަކާ ދިމާއަށް

ގާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓަށް ބަލާއިރު ފެނިގެންދަނީ ޖުމުލަ 20 ވުޒާރާއެކެވެ. އެއީ ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ފެނިގެން ދިޔަ ކަހަލަ ޑިމޮކްރަސީއާ ބީރައްޓެހި "މަތިބަރު" ސަރުކާރެއް ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ. ގާސިމް އިއުލާން ކުރެއްވި ހިޔަނި ސަރުކާރަށް ބަލާ އިރު އިސް މަގާމްތަކުގައި ހިމެނެނީ:

1. ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
2. ނައިބު ރައީސް: ޑރ. މުޙައްމަދު ޖަމީލް އަހުމަދު
3. ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
4. ފިނޭންސް މިނިސްޓަރު: ޑރ. މުހުމޫދު ޝައުޤީ
5. ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
6. ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒް
7. ޓުއަރިޒަމް މިނިސްޓަރު: ކާނަލް މުޙައްމަދު ނާޒިމް
8. ހައުސިން އެންޑް އެންވަޔަރަމެންޓް މިނިސްޓަރު: ޝައިޚް އިމްރާން އަބްދުﷲ
9. އާޓްސް އެންޑް ކަލްޗާ މިނިސްޓަރު: ޔުމްނާ މައުމޫން
10. ޕްލޭނިންގް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
11. އިކޮނަމިކް މިނިސްޓަރު: މުޙައްމަދު ރަޝީދު
12. ބަންޑާރަ ނައިބު: ނޫރުއްސަމާލް އަބޫބަކުރު
13. އިސްލާމިކް މިނިސްޓަރު: އަލީ ޒާހިރު
14. އެޑިއުކޭޝަން މިނިސްޓަރު: ޑރ. އާސިމް އަހުމަދު
15. ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. އަހުމަދު އިޔާޒް
16. ހެލްތު މިނިސްޓަރު: ޑރ. ޝާހް މާހިރު
17. ޖެންޑާ މިނިސްޓަރު: ސިދާތާ ޝަރީފް
18. ޔޫތު މިނިސްޓަރު: މުޙައްމަދު މަލީހް ޖަމާލް
19. ޓްރާންސްޕޯޓް މިނިސްޓަރު: އަމީން އިބްރާހީމް
20. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު: ޑރ. ހުސައިން ރަޝީދު ހަސަން
21. ހިއުމަން ރިސޯސް އެންޑް ލޭބާ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
22. އެންވާރަމަންޓް އެންޑް އެނާޖީ މިނިސްޓަރު: މުޙައްމަދު ފަޔާޒް

މި މަގާމުތަކަށް ބަލާއިރު ތަޖުރިބާކާރުން ވިދާޅު ވަނީ މީގެ ތެރޭގައި އެއް ވުޒާރާއެއްގެ ތެރެއިން ކުރެވިދާނެ ކަންކަން ވަކިކޮށްލާ ވަކި ވުޒާރާއެއް އެކަމަށް އުފެއްދުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން މިހާރު ޓްރާންސްްޕޯޓް އޮތޯރިޓީ ފަދަ އޮތޯރިޓީތަކާއި ލެބާ އޮތޯރިޓީ ފަދަ ތަންތަން އުފެދިފައި އޮތް އިރު އެކޮނަމިކް މިނިސްޓްރީގެ ތެރެއިން އެތަންތަން ބޭރުކޮށް އެކަން ކުރުމުގެ މާނައެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

މީގެ އިތުރުން ހަޔަ ސެކަންޑަރީއަށް ވަކިން ވުޒާރާއެއް އުފައްދަވާ އަދި އެޑިޔުކޭޝަން މިނިސްޓަރަކު ބަހައްޓަން ގާސިމް ނިންމެވީ ކޮން ވިސްނުމަކާ ހުރެތޯ އެއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އަދި މި ޒަމާނަށް ބަލާ އިރު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި 20 ވުޒާރާ އޮތުން ލާޒިމުތޯ އެއީ ވެސް ބައެއް މީހުން ކުރާ ސުވާލެކެވެ.

ގާސިމްގެ އަމިއްލަފުޅު ނިންމެވުމާ އެކު ކޯލީޝަން ރަތަށް

ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި ގާސިމްގެ ވިސްނުންފުޅު ހުރީ ރަސްކަމަކާ ދިމާއަށެވެ. އެއްވެސް މީހަކާ މަޝްވަރާ ކުރުމެއް ނެތި އަމިއްލަ ފުޅަށް ކަންކަން ނިންމަވާނީ ރަސްކަލުން ނޫންތޯ އެ ބޭފުޅުން ސުވާލު އުފައްދަ އެވެ.

ގާސިމްގެ ކުއްލި ނިންމެވުމާ އެކު ހީނަރުވެފައިވާ އިދިކޮޅު ކޯލީޝަންގެ ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެވެ. ކޯލީޝަން ޕާޓްނަރުންގެ ރުޅި އިންތިހާއަށް ޖުމޫހުރީ ޕާޓީ އަށާއި ގާސިމަށް ރައްދު ކުރާ އިރު އަލުން ބަލުން މި ހަތަރު ބައިމީހުން ގުޅިގެން މަސައްކަތްކޮށްފާނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ. އަދި މިއީ މާކުރިން ވެސް މި ކޯލިޝަނަށް ވާނެ ގޮތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

12 އޭޕްރީލް 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން، ކުނޫޒްގައި ބޭއްވި ޖަލްގެ ތެރެއިން -- ސަން ފޮޓޯ، ފަޔާޒު މޫސާ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ކޯލީޝަނާ ގުޅޭ ގޮތުން އޭނާ އަބަދު ވެސް ވިދާޅުވަމުން ދިޔަ ވާހަކަފުޅަކީ ހަގީގަތެއްކަން ސާބިތުވެގެން ހިނގައްޖެ ކަމަށާއި އެ ކޯލީޝަންގައި ތިބީ މުޅިން ވެސް އަމިއްލަ އެދުމުންފޯވެފައިވާ ބައެއް ކަމަށާއި ކުރިން ވެސް ވިދާޅުވި ގޮތަށް ގާސިމާ އެކު އެއްވެސް މީހަކަށް ކޯލީޝަނެއް ހަދައިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.

"މިއީ އަޅުގަނޑު ދައްކާ ވާހަކައަކީ. ގާސިމާ އެކު ކާކަށްތޯ ކޮން ޕާޓީއަކަށްތޯ މިހާތަނަށް ކޯލީޝަނެއް ހަދައިގެން މަސައްކަތް ކުރެވުނީ. އަޅުގަނޑު ކުރިން ވެސް ދެންނެވިން އިންތިހާބުގެ ކުރިން ފުޅާ ކޯލީޝަން ރޫޅިގެންދާތަން އަދި ފެންނާނޭ،" ޖުމުހުރީ ޕާޓީ ވަކިން ކޯލިޝަނަކާ ދިމާއަށް މިސްރާބު ޖެހުމާ ގުޅޭ ގޮތުން ރޭ "ސަން" އާ ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގާސިމް އިއުލާންކުރެއްވި ސަރުކާރަކީ މަތިބަރު އަދި ހަމަ އެހެންމެ ސަރުކާރުގެ މަގާމްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ސަރުކާރެއް ކަމަށާއި އެކަމާ މެދު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ.

ގާސިމްގެ ޖުމުހުރީ ކޯލީޝަން އަށް އެއްވެސް ޕާޓީއަކުން ތާއިދުކޮށްފައި ނުވާ އިރު އެ ޕާޓީތައް މިއަދު ތިބީ އިންތިހާއަށް ރުޅިގަދަވެފަ އެވެ. ހާއްސަ ގޮތެއްގައި އިދިކޮޅު ޕާޓީތަކުގެ އާންމު މެމްބަރުންނެވެ. ދެން އުފެދޭ ސުވާލަކީ ކޯލީޝަން އަށް ވާނެ ގޮތެކެވެ. އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު އިންތިހާބަށް ކުރިމަތިލާން ހުޅުވާލާ އިރު އިދިކޮޅު ކޯލީޝަން ބައިބައިވެފައވާ މިންވަރު ފެނިގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

comment ކޮމެންޓް