ރެފިއުޖީންގެ ގޮތުގައި 68.5 މިލިޔަން މީހުން ދުނިޔޭގައި ދިރިއުޅޭ: އދ

އދ. މަޖިލިސް (ޖޫން 20) 20117 ވަނަ އަހަރު ރެފިއުޖީންގެ ގޮތުގައި 68.5 މިލިޔަން މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ރެފިއުޖީންގެ ހާލަތު ދިރާސާކޮށް އެކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ރެފިއުޖީންގެ އަދަދު އެންމެ ގިނަވެފައިވަނީ 2017 ވަނަ އަހަރުކަމަށް ބުނެފައިވެއެވެ. މިގޮތުން މިދިޔަ އަހަރު 68.5 މިލިޔަން މީހުން އަމިއްލަ ގެދޮރުން ބޭރުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާކަމަށް މިރިޕޯޓް ބުނެއެވެ.

ރެފިއުޖީންގެ އަދަދު 2015 ވަނަ އަހަރުން ފެށިގެން މައްޗަށް ދަނީ އަހަރެއްގެ މައްޗަށް 50 އިންސައްތައިގެ ރޭޓުން ކަމަށްވެސް އެ ރިޕޯޓް ބުނެއެވެ. މިހާރު ދުނިޔޭގައި ރެފިއުޖީން އެންމެ ގިނައީ ސޫރިޔާގައެވެ. ދެން އިރާގާއި ފަލަސްތީނާއި އަފްޣާނިސްތާނުގައެވެ.

ސޫރިޔާގެ އާބާދީގެ 75 އިންސައްތައަކީ ރެފިއުޖީންނެވެ. އިރާގުގެ އާބާދީގެ 50 އިންސައްތައަކީ ރެފިއުޖީންނެވެ. ސޫރިޔާގެ އިތުރުން އިރާގު، އަފްޣާނިސްތާން، ޔަމަން، ލީބިޔާ އަދި ސަބްސަހަރަން އެފްރިކާގެ ގައުމުތަކަކީ ދުނިޔޭގައި ރެފިއުޖީން އެންމެ ގިނަ ގައުމުތައް ކަމަށް އދ.ގެ ހައިކޮމިޝަނުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ރެފިއުޖީންގެ އަދަދު މިހާ މައްޗަށް ގޮސްފައިނުވާކަން ރެފިއުޖީންނާބެހޭ އދ.ގެ ހައިކޮމިޝަންގެ މަސްއޫލުވެރިން ފާހަގަ ކުރައްވައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް