ޕޮލެންޑް ބަލިކޮށް، ސެނެގާލްއަށް އުންމީދީ ފެށުމެއް!

ސެނެގްލާއި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޕޮލެންޑް ބަލިކޮށް، ސެނެގާލުން މޮޅަކާއެކު ވޯލްޑް ކަޕް ފަށައިފިއެވެ.

ސްޕާޓަކް މޮސްކޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސެނެގާލްއިން ޕޮލެންޑް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ކުރިން ސެނެގާލް އެންމެފަހުން ވޯލްޑް ކަޕް ކުޅެފައި ވަނީ 2002 ވަނަ އަހަރުގައެވެ. ކޮރެއާއާއި ޖަޕާނުގައި އެ އަހަރު ކުރިއަށް ދިޔަ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސެނެގާލް ވަނީ ކުޅެފައެވެ.

މިފަހަރު ވޯލްޑް ކަޕަށް ސެނެގާލް ނުކުމެފައި ވަނީ އޭރު ޓީމުގެ ކެޕްޓަންކަން ކުރި އަލޫ ސީސޭގެ ކޯޗުކަމުގެ ދަށުގައެވެ. މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި އޭނާ ވަނީ އެ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް އާކޮށްފައެވެ.

ސެނެގްލާއި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ފެށިގެން ފުރަތަމަ ކޮޅުގައިވެސް ވަރުގަދަކޮށް ފެނުނީ ސެނެގާލެވެ. ފްރާންސްގެ ބޯޑޯއަށް ކުޅެމުން އަންނަ ޔޫސުފް ސަބަލީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބާޔޭ މިޔާންއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. ޕޮލެންޑްގެ ތަރިއެެއްގެ ގޮތުގައި މެޗަށް ނުކުތް ރޮބާޓް ލެވަންޑޯސްކީއަށް މެޗުގެ ފުރަތަމަ ހާފްގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ސެނެގާލުން ލީޑެ ނެގި އިރު، ޕޮލެންޑްގެ އަރިމަތިން ޑިފެންޑަރު ނައްޓާލުމަށްފަހު ނިއާން ނަގައިދިން ހުރަހަށް ކެޕްޓަން ސަޑިއޯ މާނޭ އެރި ނަމަވެސް، އޭނާގެ ކުރިން ބޯޅައިގައި ޖެއްސީ ޕޮލެންޑުގެ ޑިފެންޑަރު ތިއޭގޯ ސިއެނިކެވެ. އޭނާގެ ފައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ގޯލް ތެރެއަށް ވަން އިރު، ޕޮލެންޑް ކީޕަރު ވިސެކް ޝެޒްނީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ސެނެގްލާއި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސެނަގާލުން ކުރީގައި އޮވެ ހާފް ނިންމާލާފައިވާ އިރު، މެޗުގެ ދެވަނަ ހާފް ޕޮލެންޑުން ފެށީ ރަނގަޅު ހަމަލާއަކާ އެކީގައެވެ. ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ ފޮނުވާލި ހިލޭ ޖެހުން މަތަކުރީ ސެނެގާލްގެ ކީޕަރު ހަދީމް ޑިއާއެވެ.

އޭގެ ފަހުންވެސް ޕޮލެންޑްގެ ޑިފެންޑަރު ލޫކަސް ޕިޝޭކްގެ ފަރާތުންވެސް އިތުރު ހަމަލާއެއް ފެނިފައިވާ އިރު، ދެވަނަ ހާފްގައި ސެނެގާލުން އުފެއްދި ފުރަތަމަ ހަމަލާގައި އެޓީމުން ލީޑު ފުޅާކުރިއެވެ. ސެނެގާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ބާޔޭ ނިޔާންއެވެ.

ގޯލަށްފަހު ސެނެގާލުން ހަމަޖެހިލައިގެން ކުޅެމުން ދިޔަ އިރު، ޕޮލެންޑުން ވަނީ މެޗަށް އަނބުރާ ވަނުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ޕޮލެންޑުގެ ޒެގޯވް ރިޗޯވިއޭކް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ސެނެގްލާއި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް އޭ ގެ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ މިސްރާއި ރަޝިއާއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 11:00 ގައެވެ.

comment ކޮމެންޓް