އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށަށް

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ 10 ޕަސެންޓް ދަށްވެއްޖެއެވެ.

ކަސްޓަމުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 215 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 240 މިލިއަން ރުފިޔާއެވެ.

އާމްދަނީ ދަށްވެފައިވީ ނަމަވެސް، މިދިޔަ މެއި މަހު އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ތިން ޕަސެންޓް ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކަގޮތުން މިދިޔަ މަހު އެކްސްޕޯޓް ކުރި މިންވަރު ވެސް، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 38 ޕަސެންޓް ވަނީ ދަށްވެފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިވަނީ މޫސުން ގޯސްވުމުން މަސްވެރިކަން ދަށްވުމުން ކަމަށް ބެލެވޭ ކަމަށެވެ.

އެކްސްޕޯޓް ކުރި މުދަލުގެ އެންމެ ގިނަ ޕަސެންޓެއް ގެންގޮސްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން އެކްސްޕޯޓް ކުރި މުދަލުގެ 38 ޕަސެންޓް ތައިލެންޑަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް