"ޖުމްހޫރީ ކޯލިޝަނަށް" އެހެން ޕާޓީތަކުން ދެކޮޅުހަދައިފި

ޔުމްނާ މައުމޫން(މ): ޝެޑޯ ކެބިނެޓްގައި ޔުމުނާގެ ނަން ހިމެނީ އޭނާ އަށް ނޭގި -- ސަން ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު "ޖުމްހޫރީ ކޯލިޝަން"ގެ ނަމުގައި އިއުލާން ކުރެއްވި ކޯލިސަނަށް އިދިކޮޅު އެހެން ޕާޓީތަކުން އިންކާރުކޮށްފި އެވެ.

ގާސިމް ފޭސްބުކް ލައިވް މެދުވެރިކޮށް ޖުމްހޫރީ ކޯލިޝަންގެ މަގާމުތައް މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން ވެސް އެ ކޯލިޝަންގައި ހިމެނޭކަން ގާސިމް މިއަދު އިއުލާން ކުރެއްވި އެވެ.

އޭގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ކޯލިޝަންގައި ހިމަނާފައިވާ އިރު އެމްޑީޕީގެ އެއްވެސް ބޭފުޅަކު ކޯލިސަންގައި ހިމަނާފައެއްނުވެ އެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުގެ އިތުރަށް އެއްވެސް ބަޔަކާ އެކު ކޯޯލިޝަން ނަހަދާނެ ކަމަށެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ޓްވީޓް ކުރައްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ، އިސްކަން ދެއްވާނީ ގައުމަށް އަދި ގައުމީ މަސްލަހަތަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކާ އެކު ކޮމެޓީތަކުގައި ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ، އެމްޑީޕީ ނުހިމަނައި، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ބޭފުޅުން ހިމަނައިގެން އެ ބޭފުޅުންނަށް ވެސް ނޭނގި ކޯލިޝަނެއް އިއުލާން ކުރުމުން ވަރަށް ބޮޑަށް ހައިރާންކަން ލިބިފައިވާ ކަމަށެވެ.

މިކަން އިއުލާން ކުރެެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ފޭސްބުކް ލައިވް މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

comment ކޮމެންޓް