ނިއުގެ ކޮންޓްރެކްޓް ބާތިލުކުރުމަށް ދަގަނޑޭ އެފްއޭއެމްއަށް!

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން:--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއު ރޭޑިއަންޓާއި އަލީ އަޝްފާގު (ދަގަނޑޭ)އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެފްއޭއެމްއަށް ހުށަހަޅާފައިވާ ކަމަށް "ސަން ސްޕޯޓްސް"އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިއުއާ ދަގަނޑޭއާ ދެމެދުވެފައިވާ އެއްބަސްވުން ބާތިލުކުރަން އޭނާ އެދިފައިވަނީ މުސާރައިގެ މައްސަލައެއްގައެވެ.

އެކަމާ ގުޅިގެން "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ދަގަނޑޭ ކޮންޓްރެކްޓް ބާތިލުކުރަން ހުށައެޅިކަން ކްލަބަށް އެނގިފައިނުވާ ކަމަށާއި ދަގަނޑޭގެ މުސާރައިގައި އުޅެނީ ކުޑަ ޑިލޭއެއް ކަމަށެވެ.

"އަޝްފާގުގެ ކޮންޓްރެކްޓުގައި މަހުން މަހަށް މުސާރަ ދޭ ގޮތަކަށް ނޫން އިންނާނީ. ދެ ޕޭމަންޓަކަށް ދޭން އިންނާނީ. މިދިޔަ އަހަރުވެސް ކުޑަކޮށް ޑިލޭއެއްވި. އެކަމަކު ސީޒަން ނިމުނުއިރު ހުރިހާ ފައިސާއެއް ދީ ހަލާސްކޮށްފައި އޮންނާނީ. މިއަހަރުވެސް ޑިލޭއެއް އެބައުޅޭ. ދަގަނޑޭގެ އެކަންޏެއް ނޫން... އިމްރާންއާއި ސެންޓޭގެ މުސާރާގައިވެސް ޑިލޭއެއް އެބައުޅޭ މުސާރާގައި،" ޓެޑް ވިދާޅުވިއެވެ.

ޓެޑް އިތުރަށް ވިދާޅުވީ ދަގަނޑޭއަކީ އަބަދުވެސް ކްލަބު ލޯބީގައި ކުޅޭ ކުޅުންތެރިއެއް ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

"ދަގަނޑޭއަކީ ކްލަބު ދެކެ ލޯބިވާ، ކްލަބު ލޯތްބަށް ކުޅޭ ކުޅުންތެރިއެއް. އޭނާއާ ދޭތެރޭ އެއްވެސް ކަމެއް އުޅޭނަމަ އެ މައްސަލަ ހައްލުކުރެވޭނެ. މިހާރު ދެން ޓްރާންސްފާ ދުވަސްކޮޅުވެސް ވީމަ... ކުރިންވެސް ވީބީއަށް ކުޅުނު އިރު މުސާރާއިގެ މައްސަލައެއް ދިމާވެފައި އޮތީމަކަމަށް ވެދާނެ ދަގަނޑޭގެ އަމިއްލަ ސެކުއިރިޓީއަކަށް ކަމަށްވެސް އެގޮތަށް އެ ވިސްނަނީ،" ޓެޑް ބުންޏެވެ.

ޓެޑް ބުނީ ދަގަނޑޭއާ ދޭތެރޭ އެއްވެސް ކަމެއް އުޅޭނަމަ އެކަން ހައްލުކުރެވޭނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭ ކަމަށެވެ.

ދަގަނޑޭއަކީ ރާއްޖެ ދުތް އެންމެ މޮޅު ކުޅުންތެރިއާއެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ނިއުއަށް ކުޅެ، ދަގަނޑޭ ވަނީ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމްއަށްވެސް ކުޅުމަށްފަހު ދަގަނޑޭ އެނބުރި ނިއުއާ ގުޅުނީ މިދިޔަ އަހަރު ޕްރިމިއާ ލީގަށެވެ. އޭނާ މިދިޔަ ސީޒަންގެ ކުރީކޮޅުގައި ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އެނބުރި އައިފަހުން އަންނަނީ ކުރީގެ ފޯމުގައި ކުޅެމުންނެވެ. ހާއްސަކޮށް މި ސީޒަންގެ މިހާތަނަށް ނިއުއާއެކު އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ނިއުއަށް މާލޭ ލީގު ޔަގީންވެފައިވާ އިރު، އެޓީމުގެ މިސްރާބު މިހާރު ހުރީ ދިވެހި ޕްރިމިއާ ލީގަށެވެ. އެޓީމަށް ކުޅެމުން ދިޔަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޖޯޖު ގޯޓޯއާއި ކަންޑޭލާ ޓީމުގައި މަޑުކުރަން ނިންމާފައިވާ އިރު، ޓީމުގެ ޑިފެންސުން މުހިއްމު ކުޅުމެއް ދެއްކި ހާރޫން އަމީރީ ވަނީ ޓީމަށް ނޭނގި އަނބުރާ ގޮސްފައެވެ. އޭނާ ދަމުން ބުނެފައި ވަނީ ނިއުއިން މުސާރަ ނުދީވާ ކަމަށާއި، އެ މައްސަލަ ފީފާއަށް ހުށަހަޅާނެ ކަމަށެވެ.

އަމީރީގެ ވާހަކައާ ގުޅިގެން ނިއުއިން ބުނެފައި ވަނީ އަމީރީ ހަދަނީ ދޮގު ކަމަށާއި، ކްލަބަށް ފިލައިގެން ދިޔުމުން އަމީރީއާ މެދު ފިޔަވަޅު އަޅާ، އެ މައްސަލައިގައި ފީފާއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް