ލަންކާގައި ދިރިއުޅޭ ދިވެހިންނަށްވެސް ވޯލްޑް ކަޕް ބެލުމަށް ހާއްސަ ޖަގަހައެއް!

މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ބެހެއްޓިފައިވާ ސްކްރީން --- ފޮޓޯ/ އެމއީސީސީ

ރަޝިއާގައި މިހާރު ކުރިއަށްދާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރި ރާއްޖޭގައިވެސް ގަދަވެފައިވާ އިރު، މާލެއާއި އަތޮޅު ތެރޭގައިވެސް ޖަގަހަތައް ތައްޔާރުކުރެވި، އެންމެން އެއްތަނެއްގައި މެޗުތައް ބެލުމުގެ އިންތިޒާމްތައް ދަނީ ހަމަޖެހެމުންނެވެ.

އެއާއެކު ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އެއްތަނެއްގައި ތިބެ ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ދާދިފަހުން ޓްރިވެންޑްރަމްގައި ހުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން މިހާރު ވަނީ، އެތަނުގައި އުޅޭ ދިވެހީންނަށް ވޯލްޑް ކަޕް މެޗުތައް ބަލަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

ހަމައެއާއެކު ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް އެމްބަސީއާއި ކޮންސިއުލޭޓް ގުޅިގެން ސްރީލަންކާގައި ހުންނަ ސޯސަންވިލާގައި ސަރުކާރުން ގާއިމްކޮށްފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ވަރަށް ފުރިހަމައަށް ފަހިކޮށްދީފައިވެއެވެ.

އެމްއީސީސީގައި މިއަހަރުގެ ވޯލްޑް ކަޕް ހުރިހާ މެޗެއްވެސް 20 ފޫޓް 16 ފޫޓް ބޮޑު ސްކްރީނެއްގައި އެޗްޑީކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަދި މީޑިއާ އޮފިޝަލް ހުސައިން މާޒިން ސަންއަށް މައުލޫމާތު ދެއްވާފައިވެއެވެ.

މާޒިން ވިދާޅުވެފައިވާ ގޮތުގައި މެޗުތައް ކުރިއަށްދާ ވަގުތު އެމްއީސީސީގެ ކެންޓީންގެ ހިދުމަތްތައްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެއެވެ. އޭގެ އިތުރުންވެސް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ހުސައިން ޝަރީފުގެ އިސްނެންގުމުގެ މަތިން ސްކޯ ދިމާކުރުމުގެ މުބާރާތެއްވެސް އެމްބަސީއާއި އެމްއީސީގެ މުއައްޒަފުން ކުރިއަށް ގެންދަވާނެ ކަމަށްވެސް މާޒިން މައުލޫމާތު ދެއްވައެވެ.

އެމްއީސީސީއަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ދިވެހި ދަރިވަރުންނަށް އިސްލާމް ދިވެހި އަދި ޤުރުއާން ކިޔަވައިދެއްވުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރާއި މުނިފޫހި ފިލުވުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާ ތަނެކެވެ.

comment ކޮމެންޓް