މޮޅުވުން ހައްގު، އެއްވަރުވެގެން ނިމުނު ނަމަވެސް ހިތްހަމަ ޖެހޭނެ: ސައުތުގޭޓް

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް --- ފޮޓޯ/ އޭޕީ

އިންގްލެންޑުން ރޭ ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑުން ޖެހި ދެ ގޯލް ވެސް ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިން އިރު، އޭނާގެ ފަހު ގޯލަކީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އޭނާ ޖެހި ގޯލެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު، ގެރެތު ސައުތުގޭޓް ބުނީ ރޭގެ މެޗުން އެއްވަރުވި ނަމަވެސް ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭނެ ކަމަށާއި ކުޅުންތެރިންނާ މެދު ފަހުވެރިވާ ކަމަށެވެ.

"މުޅި މެޗު ކޮންޓްރޯލް ކުރީ އިންގްލެންޑުން. ހާއްސަކޮށް މެޗުގައި ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވުނު ޓީމަށް. ފަހުވަގުތު ގޯލް ޖެހޭނީ ވެސް މޮޅެތި ޓީމުތަކަށް. ޓީމުން ޕާސް ޖަހައިގެން ކުޅުނު ކުޅުމަށް ފަހުރުވެރިވޭ. އެއްވަރު ވެގެން ނިމުނު ނަމަވެސް ހިތްހަމަ ޖެހޭނެ،" ސައުތުގޭޓް ބުންޏެވެ.

އެެ މެޗު ނިމުނީ 2-1 އިން އިންގްލޭންޑް މޮޅުވެގެންނެވެ.

އިންގްލެންޑާއި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސައުތުގޭޓް ބުނީ ޓީމުން ރޭ ދެއްކި ކުޅުމަށް މޮޅެއް ހައްގު ކަމަށާއި ފަހަވަގުތު މޮޅުވެވުމަކީ ކެތްތެރިވުމުގެ ނަތީޖާ ކަމަށެވެ.

"ވަރަށް ކެތްތެރިވެގެން ޓީމުން ކުޅުނީ. ހާއްސަކޮށް ބޮޑެތި ބޯޅަތަކެއް ނުޖަހާ ކުޅުނީ. އޭގެ ނަތީޖާ މޮޅުވުމަކީ ވެސް. ޓީމަށް މޮޅެއް ހައްގު. އެންމެނަށް ވެސް އެނގޭނެ އެކަން،" ސައުތުގޭޓް ބުންޏެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ދިޔަ އިނގިރޭސި ޓީމަކީ މުޅި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކުގެ ތެރެއިން ވެސް ތިން ވަނައަށް އެންމެ ޒުވާން ޓީމެވެ. ރޭގެ މެޗުގައި އިންގްލެންޑުން ނެރުނު ފުރަތަމަ 11 ވެސް ފާހަގަކޮށްލެވުނީ ވަރަށް ޒުވާން ކޮށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ ޓީމުގެ ތިބި ޒުވާން ކުޅުންތެރިން ދެއްކީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުގައި އެފަދަ ކުޅުމެއް ކުޅުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.

comment ކޮމެންޓް