މާނޭ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ: ސެނެގާލް ކޯޗު

ސެނެގާލްގެ ތަރި، ސަޑިއޯ މާނޭ --- ފޮޓޯ/ އޭޕީ

މިރޭ ޕޮލެންޑާ ދެކޮޅަށް ސެނެގާލް ކުޅޭ މެޗަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅޭ މެޗެވެ. މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ސެނެގާލް ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.

ކޮރެއާ އަދި ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ ސެނެގާލްއަށް ވަރަށް ކާމިޔާބު ވޯލްޑް ކަޕެކެވެ. އެގޮތުން އެ ވޯލްޑް ކަޕްގައި ސެނެގާލް ވަނީ ކުއާޓާ ފައިނަލް ކުޅެ އެފްރިކާއަށް ރީތި ނަން ހޯދައިދީފައެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސްވެސް ބަލިކޮށް، ސެނެގާލްއިން ކުއާޓާ ފައިނަލަށް ދިޔަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކަށްވީ އޭރުގެ ކެޕްޓަން އަލިއޫ ސީސޭއެވެ. ސީސޭއަކީ މިހާރު ޓީމުގެ ކޯޗެވެ.

"މާނޭ އަކީ ތަފާތު ކުޅުންތެރިއެއް. މާނޭގެ ފެންވަރާ ޓީމުގެ އެހެން ކުޅުންތެރިންގެ ފެންވަރާ އަޅާ ނުކިޔޭނެ. ސެނެގާލް ޓީމުގެ ތަފާތަކަށްވާނީ މާނޭ،" މިރޭގެ މެޗަށް ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސަޑިއޯ މާނޭއާ ގުޅޭގޮތުން ކޯޗު ސީސޭ ބުންޏެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ސެނެގާލްގެ ޓީމު --- ފޮޓޯ/ އޭޕީ

ސީސޭ ބުނެފައި ވަނީ މާނޭ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އެއީ ދޮގެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.

"މާނޭއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކަމަށް އިންކާރެއް ނުކުރެވޭނެ. މާނޭ ކުޅެނީ ވެސް ޔޫރަޕްގެ އެންމެ ޝަރަފުވެރި އެއް ކްލަބަށް. ލިވަޕޫލަށް ވެސް މާނޭ އަކީ އެންމެ ބޭނުންތެރި އެކަކު. މާނޭ އަކީ ކުއްލިއަކަށް މެޗެއް ބަދަލުކޮށްލެވޭނެ ކުޅުންތެރިއެއް." ކުރިން ޕޯޓްސްމައުތާއި ބާމިންހަމްއަށް ވެސް ކުޅުނު ސީސޭ ބުންޏެވެ.

ސީސޭ ބުނީ މާނޭއަކީ ޓީމުގެ "ސްޓާ ޕްލޭޔަރު" ނަމަވެސް މުޅި ޓީމު ބަރޯސާ ވާނީ އޭނާއަށް ނޫން ކަމަށެވެ. ޓީމު ކުޅޭނީ ޓީމެއް ގޮތުގައި މޮޅުވާން ކަމަށެވެ.

މިހާތަނަށް ލިވަޕޫލަށް ކުޅުނު ދެ ސީޒަންގައި މާނޭ ވަނީ 33 ގޯލް ޖަހައި މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޓީމު ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ސެނަގާލް އާއި ޕޮލެންޑް ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00ގަ އެވެ.

comment ކޮމެންޓް